އެދުވަހު ހިނގައިދިޔަ ހާދިސާ އެއީ އަހަރެންގެ ދިރއުޅުމަށް އެތައް ބަދަލުތަކެއް ގެނެސްދިނުމަށް މެދުވެރިކުރުވި ހާދިސާއެކެވެ. އެދުވަސް މަތިން އަހަރެން ދުވަހަކު ވެސް ހަނދާން ނުނެތޭނެއެވެ.
އަހަންނަކީ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެތައް ދުވަހެއްގެ އިންތިޒާރަކަށްފަހު އެ ދެމަފިރިންނަށް ލިބުނު މި ދަރިފުޅު ބަލާ ބޮޑުކުރީ ވަރަށް ލޯބިންނެވެ. އެހެން މަންމައަކާއި ބައްޕައަކަށް ދުވަހަކު ވެސް ނުދެވޭނެފަދަ ކުލުނާއި އޯގާތެރިކަމާއި އަޅާލުންދީގެންނެވެ. އެ ލޯބި ދެމަފިރިން އަހަރެންނާމެދު ވަރަށް ފޮނި އުއްމީދުތަކެއް ކުރިއެވެ.
ކުރާނީ ކީއްހެއްޔެވެ؟ އަހަރެންނަށް މައިންބަފައިންގެ ހުވަފެންތަކުގައި ކުލަޖައްސައެއް ނުދެވުނެވެ. އެ މުސްކުޅި، ނިކަމެތި މަންމަ އާއި ބައްޕަވީ ޤުރުބާނީގައި އަހަރެން ޖެހީ ކޮޅުފައިންނެވެ. ގްރޭޑް 6 ކާ ހަމައަށް އަހަރެން އައީ އަބަދުވެސް މުޅި ކުލާހުން އެއްވަނަ ހޯދަމުންނެވެ. އިތުރު ޙަރަކާތްތަކުގައި ބައިވެރިވެ ފަޚުރުވެރި އެތައް ވަނަތަކެއް ވެސް ހޯދީމެވެ.
އަހަރެންގެ ހަޔާތަށް ބަދަލުތަކެއް އަންނަންފެށީ ޚިޔާރުކުރެވުނު ރަހުމަތްތެރިންތަކެއްގެ ސަބަބުންނެވެ. އަހިވަކާ ޖެހި އަހިވަކެއް ފާވާނެއޭ ބުނާ ބީދައިންނެވެ. އަހަރެންގެ އަވަށްޓެރިޔާ، ޝާމިންއާއި އެއް ކުލާހެއްގައި ކިޔަވަމުންދާ އާޒިންއަކީ އަހަރެންގެ އެންމެ ގާތް ދެ އެކުވެރިންނެވެ. އެމީހުންނާއެކު ގިނަ ވަގުތުތަކެއް ހެދަކޮށް، ހީ ސަމާސާކޮށް ހެދީމެވެ. އެހެން ކުދިންނަށް ހަނގާކުރުމާއި މީހުންނަށް ފުރައްސާރަކުރުމާއި ސިނގިރޭޓް ބުއިންފަދަ ނުރަނގަޅު އާދަތަކުގެ ތެރެއަށް ގޮސް ގެނބިއްޖެއެވެ.
އަހަރެން، އެ ދެ އެކުވެރިން އަޅަމުންދިޔަ ފިޔަވަޅުމަތިން، ފިޔަވަޅުތައް އަޅަމުން ގޮސް ވަދެވުނީ ކަށިކުނބުރު ބިޔަ ޖަންގައްޔަކަށެވެ. އެއީ ވަރަށް އަނދިރި، ނާމާން ޖަންގައްޔެކެވެ. އެތަނަށް ވަތް ގޮތަށް އަހަރެންނަށް އެތަނުން ނިކުމެވޭނެ ދޮރެއް ނުފެނުނެވެ. ހެޔޮއެދޭ މީހަކު އަހަންނަށް އެ ދޮރު ދެއްކި ނަމަވެސް ނިކުންނާކަށް ހިތެއް ނޭދުނެވެ.
ޝާމިންއާއި އާޒިންއާއެކު ކިޔެވުމުގެ ދުވަސްތައް ހޭދަކުރެވުނީ، ފޫނެތް ފަޔަކުން ފެންފުރުން ފަދަ ގޮތަކަށެވެ. ކުލާހުގައި އަބަދުވެސް އޮންނަނީ ނިދާފައެވެ. ރޭގަނޑުގެ އަރާމު ވަގުތައް ގެއްލި، ދަންވަންދެން ބޭރުގައި އުޅެމުންދިޔައީ ރައްޓެހިންނާއެކު މަޖާކޮށް، ޕާޓީކުރުމުގައެވެ.
އަހަރެންގެ އުޅުމަށް އައި ބަދަލުތަކުގެ ސަބަބުން މަންމައާއި ބައްޕަގެ ހިތް ކުދިކުދިވިއެވެ. ނަމަވެސް އަހަރެން އެ ކަމަކަށް ފަރުވާލެއް ނުބަހައްޓަމެވެ. މަންމަ އާއި ބައްޕަ އަބަދާއި އަބަދު ދެމުންގެންދިޔަ ނަސޭހަތްތަކަށް ދިނީ ބީރު ކަންފަތެކެވެ. އަދި އެ ނަސޭހަތްތައް އަޑުއަހަން ބޭނުންނުވާތީ ގެއަށް ވެސް ދަނީ ހަމައެކަނި ނިދާލާށެވެ. އޭރު މަންމައާއި ބައްޕަގެ ކުރިމައްޗަށް އަރަން ވެސް ފޫހިވެއެއެވެ. ދައްކާ އެއް ވާހަކަތަކެއް ދައްކާތީއެވެ.
މިހާރު އަހަރެންގެ އުމުރުން 18 އަހަރެވެ. އެއްދުވަހަކު ބައްޕަ ފޯނުކޮށްފައި ވަރަށް އަވަހަށް ގެއަށް އައިސްދިނުމަށް ބުންޏެވެ. އޭރު އަހަރެން ހުރީ ރައްޓެހިންނާއެކު ޝޯކުޅޭތަން ބަލާށެވެ. އެތަނުން އަހަރެން އެހާ އަވަހަށް ގެއަށް ގޮސްފިނަމަ އެކުވެރިން އެއްޗެހި ކިޔާފާނެތީ އަހަރެން މަޑުކުރީއެވެ. އަނެއްކާ ވެސް ފޯނު ރިންގުވާން ފެށިއެވެ. ޖީބުން ފޯނު ނަގާފައި ބަލައިލީމެވެ. މި ފަހަރު ވެސް ބައްޕައެވެ. އަހަރެން ފޯނު ކަނޑާލީއެވެ. އަނެއްކާ ވެސް ފޯނު ރިންގުވާން ފެށުމުން އައި ރުޅީގައި ފޯނު ނިއްވާލީމެވެ.
އެރޭ އަހަރެން ގެއަށްދިޔައިރު ގަޑިން 12 ޖެހީއެވެ. ގެއަށް ވަންނަށް ތަޅުގައި ހިފައިލީމެވެ. ނަސީބަކުން ދޮރު ހުރީ ހުޅުވާފައެވެ. ކުއްލިއަކަށް ބައްޕަ ގުޅި ހަނދާންވެއްޖެއެވެ. މަޑުމަޑުން ގޮސް އެ ކޮޓަރި ދޮރުގައި ހިފައިލީމެވެ. ކޮޓަރިތެރެއަށް ބޯދިއްކޮށްލިއިރު އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. އިތުރަށް ޔަގީންކޮށްލުމަށް ކޮޓަރީގެ ބޮކި ދިއްލައިލީމެވެ. އިތުރަށް ލިބުނީ ހާސް ކަމެވެ. އެހާ ދަން ގަޑިއެއްގައި މަންމައާއި ބައްޕަ ނެތުމުންނެވެ. ހިތް އެދެމުން ދިޔައީ އިތުރަށް ބެލުމަށެވެ. އެހެންވެ ފާޚާނާއާއި ބަދިގެ އާއި ސިޓިންގ ރޫމް ވެސް އިތުރަށް ބެލީމެވެ. ނަމަވެސް ދެ މީހުންކުރެ އެކަކު ވެސް ފެންނާކަށް ނެތެވެ.
އަވަސް އަވަހަށް ޖީބުން ފޯނު ނަގައި ހުޅުވައިލީމެވެ. " ޔާ ރައްބީ!" އަހަރެންނަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. ބައްޕަގެ 15 މިސްކޯލު ފެނުމުންނެވެ. ބައްޕައަށް ގުޅަން ބަލައިލިއިރު ހުރީ ބެލެންސް ހުސްވެފައެވެ. އަހަރެން ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. އޭރު ކަންފަތުގައި ގުގުމަމުން ދިޔައީ މަންމަގެ އޯގާތެރި ނަސޭހަތުގެ ބަސްތަކެވެ. އެ އާދޭސްތަކެވެ. އަހަރެންގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. މަންމަގެ ހަށިގަނޑަށް އަޅާނެ ވޭންތައް ހިތަށް އެރުމުންނެވެ.
ފިކުރުތަކެއްގެ ތެރައަށް ގެނބިފައި އިންދާ އައި ފޯނުކޯލެކެވެ. އެއީ ނުދަންނަ ނަންބަރެކެވެ. ހާސްވެފައި ހުރެ އެ ފޯނު އަހަރެން ނެގީމެވެ. ކަންފަތުގައި ޖެހުނު އެ ފަރިތަ އަޑާއެކު އަހަރެންގެ އަތުން ފޯނު ވެއްޓި ބިއްމައްޗަށް ޖެހުނެވެ. ފަޅި ސިކުންތެއް ވެސް ނުވާނެއެވެ. ދެފަޔަށް ލެވުނުހާ ބާރެއްލާފައި ދުއްވައިގަތީ އައި. ޖީ. އެމް. އެޗަށެވެ.
އަހަރެންގެ ލަގޮނޑި ފަޅައިގެންދިޔަ ކަހަލައެވެ. ލޮލުގައި ޖަމާވަމުންދިޔަ ކަރުނަތައް އެކީ އެކައްޗަކަށް ކޯތާފަތް މަތިން ފައިބައިގެންދިޔައެވެ. ކުރިމަތީގައި ރީތި ހިނިތުންވުމަކާއެކު ދެ ލޯ މަރާލައިގެން އޮތީ އަހަރެންގެ އެންމެ ލޯބިވާ މަންމައެވެ. " إِنَّا لِلَّهِ وَإِنَّا إِلَیْهِ رَاجِعُونَ " އަހަރެންގެ ދުލުން ނުކުތީ މި ކަލިމަތަކެވެ. އަހަރެންގެ ހަރު ހިތް މަޑު ފުއްކޮޅަކަށް ބަދަލުވީއެވެ. އަހަރެން ގެ އެ ވިހަ ބަސްތަކުގެ ސަބަބުން މަންމަގެ ހިތް ފަޅިފަޅިވެގެންދިޔައީއެވެ. މި ފަނާވަނިވި، ވޭންދެނިވެ ދުނިޔެއިން އަބަދުގެ އަބަދަށް އަލްވަދާޢުކީ އެވެ. ހަމަ އެންމެ ސަބަބަކާ ހުރެއެވެ. އެއީ އަހަރެންގެ މުޑުދާރު ޢަމަލުތަކެވެ. އަހަރެން އެފަކީރަށް ގޮވަމުންދިޔަ އިހާނެތި ބަސްތަކުންނެވެ.
މިއަދު އަހަރެން މި ހުރީ އިޞްލާހްވެފައެވެ. ހިތް އެދެމުން ދިޔައީ މަންމަގެ ކިބައިން މަޢާފް ލިބުމަށެވެ. ނަމަވެސް ވަގުތު އޮތި ފާއިތުވެފައެވެ. އެކަމަކު އަދިވެސް ތައުބާވުމުގެ ފުރަސަތު ނުގެއްލެއެވެ. އެކަމަށް ޓަކައި އަހަރެން އަބަދުވެސް ﷲ އަށް ޝުކުރުވެރިވަމެވެ. މިހާރު އަހަރެންގެ ދިރިއުޅުން މިވަނީ މުޅީން ބަދަލުވެފައެވެ.
އަހަރެން މިހާރު ވަޒީފާ އަދާކުރަނީ ފުލުސް އޮފިސަރެއްގެ ގޮތުގައެވެ. ވަޒީފާއަށްފަހު ލިބޭ ހުސްވަގުތުތަކުގައި ގިނައިން ހޭދެކުރެވެނީ ބަލި އެނދުގައި އޮތް ބައްޕަގެ ގާތުގައެވެ. އެ ބައްޕައަށް އަވަސް ފަރުވާއެއް ހޯދައިދި ދުޢާކުރުމަށެވެ. އަދި ކުރިން ނުދެވުނު ލޯބި ދިނުމަށެވެ. ދެ ދުނިޔޭގެ އާޚިރަތާއި ފަލާޙް ހޯދުމަށެވެ.
ޢާއިޝަތު ލައިޝާ އަޒުމީލް
ޚިޔާލު (0)
ޚިޔާލެއް ދޫކޮށްލާ