ސާފް ޗެމްޕިއަންޝިޕްގައި މިއަދުގެ އެންމެ ފުރަތަމަ މެޗުގައި ދިވެހިރާއްޖޭގެ ޓީމާއި ޕާކިސްތާނުގެ ޓީމު ބައްދަލުކުރިއެވެ. މި މެޗަކީ ދެ ޓީމަށްވެސް މުހިންމު މެޗެކެވެ. ދިވެހިރާއްޖޭގެ ޓީމު ކާމިޔާބީއެއް ހޯދުމަށް ކެނޑިނޭޅި މަސައްކަތްކޮށް، ފުދޭވަރެއްގެ ރަނގަޅު ކުޅުމެއް ދެއްކިއެވެ.
މެޗު ފެށުމާއެކު ދެ ޓީމުންވެސް އަވަސް ހަމަލަތަކެއް އުފައްދަން މަސައްކަތްކުރިއެވެ. އެކަމަކު ޕާކިސްތާންގެ ޓީމުން އެފެއްދި ހަމަލާތައް މާ ވަރުގަދަކަމަށް ފާހަގަކުރެވުނެވެ. މިގޮތުން، 3 ވަނަ މިނިޓްގައި ޕާކިސްތާންގެ ޓީމަށް ޕެނަލްޓީއެއް ލިބުމާއެކު މެކީލް އަބްދުﷲ އެ ޕެނަލްޓީއިން ގޯލެއް ޖަހާ މެޗުގެ ފުރަތަމަ ގޯލު ޕާކިސްތާމަނަށް ކާމިޔާބުކޮށްދިނެވެ. މިއާއެކު ޕާކިސްތާންއިން 1-0 ނަތީޖާއަކާއެކު އިތުރު ހަމަލާތަކެއް އެފައްދަމުން ދިޔައެވެ. މެޗުގެ ކުރީކޮޅު ޕާކިސްތާންގެ ޓީމަށް ގޯލެއް ޖެހުމުން އިތުރު ހިތްވަރެއް ލިބުނުކަމަށް ފާހަގަކުރެވުނެވެ. އެގޮތުން، މެޗުގެ 8 ވަނަ މިނިޓްގައި ޖުނައިދު އަހްމަދް ޝާހު ދިން ރަނގަޅު ހުރަހަކާއެކު އެ ޓީމުގެ ފޯރވާޑް ނަޖީބުﷲ ދެވަނަ ގޯލު ޖެހިއެވެ. މިއާއެކު މެޗުގެ ނަތީޖާ 2-0 ކަށްވެ، ރާއްޖެއިން މެޗު ކާމިޔާބު ކުރުމަށް ކުރަން ޖެހުނު މަސައްކަތް އިތުރަށް ގިނަވިއެވެ. ދިވެހިރާއްޖޭގެ ޓީމު ފުރަތަމަ ހާފުގައި ގޯލެއް ހޯދުމަށް ނުރައްކާތެރި ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިނަމަވެސް، ޕާކިސްތާނުގެ ފަހަތުން ނައްޓާފައި ދިއުމަށް ރާއްޖޭގެ ކުޅުންތެރިންނަށް އުނދަގޫވިއެވެ. މެޗުގެ 23 ވަނަ މިނިޓްގައި ޕާކިސްތާންގެ ޓީމުން ތިންވަނަ ގޯލުވެސް ކާމިޔާބުކުރިއެވެ. ނަޖީބުﷲ މި ލަނޑު ޖެހުމާއެކު އޭނާ މުބަރާތުގައި ޖެހި ގޯލްތަކުގެ އަދަދު 3ކަށް އަރާ، މުބާރާތުގެ މިހާތަނަށް އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާކަމުގެ ޝަރަފު ހޯދިއެވެ. މެޗު ކުރިއަށް ދިޔައިރު ދިވެހިރާއްޖޭގެ ޓީމު ގޯލެއް ހޯދުމަށް ހިއްވަރާއެކު މަސައްކަތް ކުރިކަން ފާހަގަކޮށްލާން ޖެހެއެވެ. ނަމަވެސް، މެޗުގައި ޤައުމީ ޓީމަށް އިތުރު ތަކުލީފުތައް ކުރިމަތިވެ، 33 ވަނަ މިނިޓްގައި ޑިފެންޑާރ ހަސަން އީނާޒަށް ޔެލޯ ކާޑެއް ދެއްކިއެވެ. މެޗުގެ ފުރަތަމަ ހާފްގެ 45+3 ވަނަ މިނިޓްގައި ޕާކިސްތާންގެ އުމަރު ނަވާޒު ކުރި ކުށަކާ ގުޅީގެން އޭނާއަށް ވެސް ރީންދޫ ކާޑެއް ދެއްކިއެވެ. މިއާއެކު ފުރަތަމަ ހާފް ނިމުނީ ޕާކިސްތާން 3-0 އިން ކުރީގައި އޮވެގެނެވެ.
ދެވަނަ ހާފް ފެށުމާއެކު ދިވެހިރާއްޖޭގެ ކޯޗު ޓީމަށް ބަދަލުތައް ގެނައެވެ. މިގޮތުން، 46 ވަނަ މިނިޓްގައި ތަޖުރިބާކާރު ފޯރވާޑޫ އަލީ ފާސިރުއާއި ނިޝާމް މުހައްމަދު ރަޝީދު އަދި ހުސައިން ސިފާއު ޔޫސުފް މެޗަށް އެރުވިއެވެ. މި ބަދަލުތަކާއެކު ދިވެހިރާއްޖޭގެ ޓީމު ކުޅުން އިތުރަށް ރަނގަޅުކޮށް، ފުދޭވަރެއްގެ ނުރައްކަތެރި ހަމަލާތަކެއް އުފައްދަން ފެށިއެވެ. މެޗުގެ 55 ވަނަ މިނިޓްގައި ޕާކިސްތާންގެ ޓީމުން ވެސް އެއް ބަދަލު ގެނައެވެ. 64 ވަނަ މިނިޓްގައި ޕާކިސްތާންގެ ޓީމުން ޝަޔަކް ދޯސްޓް އަދި ތުފައިލް ޝިންވާރީ ބަދަލު ކުޅުންތެރިންގެ ގޮތުގައި އަރާ ޕާކިސްތާނުގެ ޓީމު އިތުރަށް ކުރިއަށް ޖައްސާލިއެވެ. 66 ވަނަ މިނިޓްގައި ދިވެހިރާއްޖޭގެ މުޙައްމަދު ނައީމް ގޯލާ ދިމާއަށް އަމާޒުކޮށް ބޯޅައެއް ފޮނުވާލިއެވެ. އެހެންނަމަވެސް، ޕާކިސްތާންގެ ގޯލްކީޕަރ ޔޫސުފް އިޖާޒް ބަޓް އެ ހަމަލާ ހުޝިޔާރުކަމާއެކު ދިފާއުކުރިއެވެ. މިއީ ދިވެހިރާއްޖޭގެ ޓީމަށް ދެވަނަ ހާފުގައި ގޯލެއް ޖެހުމަށް ލިބުނު އެންމެ ފަހި ފުރުސަތެވެ. 67 ވަނަ މިނިޓްގައި ދިވެހިރާއްޖޭގެ ޓީމުން ޒުވަން ކުޅުންތެރިޔާ އަހުޒަމް ރަޝީދު ގޯލެއް ޖެހިނަމަވެސް އެ ގޯލު ބެލީ އޮފްސައިޑެއްގެ ގޮތުގައެވެ. މިއީ ދިވެހިރާއްޖޭގެ ޓީމަށް ގޯލެއް ހޯދުމުގެ އިތުރު ތަނަވަސް ފުރުސަތެއް ގެއްލިގެންދިޔަ ދަނޑިވަޅެކެވެ. 71 ވަނަ މިނިޓްގައި ޕާކިސްތާންގެ ޝަޔަކް ދޯސްޓްއަށް ވަސް ގޯލެއް ހޯދުމުގެ ފުރުސަތެއް ލިބުނުނަމަވެސް އޭނާ ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިދަނޑިން ބޭރަށެވެ. 76 ވަނަ މިނިޓްގައި ދެ ޓީމުންވެސް އިތުރު ބަދަލުތަކެއް ގެނައެވެ. މެޗުގެ ފަހު ވަގުތުގެތެރޭގައި ވެސް ދެ ޓީމުން ގޯލެއް ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރިއެވެ. އެހެންނަމަވެސް، މެޗު ނިމިގެންދިޔައީ ޕާކިސްތާން 3-0 އިން ކާމިޔާބުކޮށްގެނެވެ.
މެޗުގެ ފުރަތަމަ ހާފްގައި ޕާކިސްތާން ތިން ލަނޑު ޖެހިއިރު ދެވަނަ ހާފުގައި ރާއްޖެއިން ވެސް ލަނޑެއް ޖެހުމަށް ޓަކައި ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ޖުމްލަކޮށް ޤައުމީ ޓީމުގެ ކުޅުމަށް ބަލާލާއިރު ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ފާހަގަކުރެވުނެވެ. މިގޮތުން، ފުރަތަމަ ހާފުގައި ރާއްޖެއިން "ޑިފެންސިވް ގޭމެއެއް" ޖައްސަން މަސައްކަތް ކުރިނަމަވެސް ޕާކިސްތާނުގެ %95 ހަމަލާ ރާއްޖޭގެ ކުޅުންތެރިންނަށް ދިފާއު ކުރެވިފައެއް ނުވެއެވެ. އަދި ޕާސްޖަހައިގެން ގިނަ ވަގުތު ދިވެހި ކުޅުންތެރިންނަށް ބޯޅަ ހިފެހެއްޓިފައި ނުވުމުގެ ސަބަބުން ގިނަ ކައުންޓާއެޓޭކުތައް ވަނީ ރޫޅީގެންގޮސްފައެވެ. ހަމައެފަދައިން، ދެވަނަ ހާފުގައި ވެސް ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނިފައި ވަނީ ފަރުވާތެރިކަމެއް ނެތް، ލަސް ކުޅުމެކެވެ. މީގެ ކުރިން ޤައުމީ ޓީމު ދައްކަމުން ދިޔަ ވަރުގަދަ ހިއްވަރާއި ބުންވަރުގެ ކުޑަވެސް މިންވަރެއް މި މެޗުން ފެނިފައި ނުވާކަމީ ދޮގެއްނޫނެވެ. ރާއްޖެއިން މުބާރާތުގެ ތައްޓާ ހަމައަށް ވާސިލިވާން ބޭނުންނަމަ ކުޅުން އިތުރަށް ހަރުދަނާކޮށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތް ކުރާން ޖެހެއެވެ. އެހެންނަމަވެސް، މި މެޗުން ލިބުނު ހިތި ނަތީޖާއާއެކު ރާއްޖެއަށް މުބާރާތުގައި ކުރިއަށް ދިއުމަށް އޮތް ފުރުސަތު މިވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.