14، ނޮވެމްބަރ 2026 ވަނަ ދުވަހު އިންޑިއާ އާއި ބޫޓާންއާ ދެމެދު، ކުޅެވުނު ސެމީ ފައިނަލް މެޗަކީ ގިނަ ބައެއްގެ ޝައުޤުވެރިކަން ދަމައިގަތް ވާދަވެރި މެޗެކެވެ. އެގޮތުން ސާފް ޗެމްޕިއަންޝިޕްގެ ތަށި ނުވަ ފަހަރު ކާމިޔާބުކޮށްފައިވާ އިންޑިއާ އާ ދެކޮޅަށް ކުޅެން ނިކުމެފައިވަނީ ދެކުނު އޭޝިޔާގެ ފުޓްބޯޅާގައި ކުރި ހޯދަމުން އަންނަ ބޫޓާންއެވެ. ތާރީޙަށް ބަލާއިރު، 5 ފަހަރު ދެ ޓީމުން ވާދަކޮށްފައިވާއިރު، ބޫޓާންއަށް އަދި މޮޅެއް ހޯދިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ވުމާއެކު، ބަންގްލަދޭޝްގެ ޑާކާގެ "ނޭޝަނަލް ސްޓޭޑިއަމް" އަށް މި ދެޓީމުން ވެސް ނިކުމެފައިވަނީ މެޗު ކާމިޔާބު ކުރުމުގެ ވަރުގަދަ އަޒުމާއެކުއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބޫޓާންއިން ރަނގަޅު ކުޅުމެއް ދެއްކުމަށް މަސައްކަތް ކުރިނަމަވެސް އިންޑިއާގެ ކުޅުންތެރިންގެ ފަރާތުން މޮޅު އަދި އެޓޭކިންގް ކުޅުމެއް ދައްކައި، ވިޝޫޕީވީ ވަނީ އިންޑިއާއަށް ލީޑް ނަގައިދީފައެވެ. އެގޮތުން މެޗުގެ 9 ވަނަ މިނެޓުގައި ވިޝޫޕީވީ އަށް ޚައިމިންތަން ލުންގްޑިމް ދިން ރީތި ބޯޅައެއް ކޮންޓްރޯލުކޮށް، ބޫޓާންގެ ގޯލްގެ ކަނާތް ފަރާތު ކަނަށް ފޮނުވާލައި އޭނާގެ ފުރަތަމަ ބައިނަލްއަޤްވާމީ ގޯލް ކާމިޔާބުވެގެން ދިޔައެވެ. ހަމަމިއާއެކު މެޗުގެ 28 ވަނަ މިނެޓުގައި ބޫޓާންގެ ފަރާތުން ހެދުނު ޑިފެންސިވް ގޯހަކާއެކު، އިންޑިއާއަށް ހުޅުވެގެންދިޔަ ފުރުސަތުގައި ދެވަނަ ގޯލް ޖަހައި ފަރަގު ވަނީ ބޮޑުކޮށްފައެވެ. މިއާއެކު މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ އިންޑިއާއިން އެތައް ނުރައްކާތެރި ހަމަލާތަކެއް އުފައްދައި 0-2 ގެ ނަތީޖާއަކުންނެވެ.
ބޫޓާންގެ ޓީމް ދެވަނަ ހާފްގައި އަލުން މައިދާނަށް ނިކުމެފައިވަނީ މުޅިން އައު ރޫހާއި، ޖޯޝާއި ހިތްވަރާއެކުއެވެ. އެގޮތުން ޓީމް ރަނގަޅަށް ރާވާލައި އިތުރު އުކުޅުތަކަކާއެކު އިންޑިއާގެ ގޯލް އޭރިއާއަށް ހަމަލާތައް އުފައްދަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން 48 ވަނަ މިނެޓުގައި ޗެންޗޯ ގިލްޓްޝެން ވަނީ އިންޑިއާގެ ޑިފެންސް ޓީމްއިން ނެގި ފްރީ ކިކް ބޯޅަ ރަނގަޅަށް ކްލިއަރ ނުކުރުމާއެކު އުފެދިގެން ދިޔަ ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި ބޫޓާނަށް މެޗުގެ ފުރަތަމަ ލަނޑުވަނީ ކާމިޔާބުކޮށްދީފައެވެ. ފުރަތަމަ ރެފްރީ ގޯލް އޮފްސައިޑް ކުރިނަމަވެސް ސާފް ޗެމްޕިއަންޝިޕުގައި 2026 ގައި ފުރަތަމަ ފަހަރަށް "ވީއޭރ" ބަލައި ގޯލެއް ކަމަށް ކަނޑައެޅުނެވެ. މީގެ އިތުރުން މި މެޗުގައި ދެވަނަ ފަހަރަށް 65 ވަނަ މިނެޓުގައި "ވީއޭރ" މެދުވެރިކޮށް އިންޑިއާއަށް ޕެނަލްޓީއެއް ދިނުމުގެ ފުރަތަމަ ނިންމުން ރެފްރީ ބަދަލުކުރުމާއެކު، އިންޑިއާއިން އިތުރު ލަނޑެއް ޖެހުމުގެ ފުރުސަތު ގެއްލިގެން ދިޔައެވެ. މިއާއެކު އިންޑިއާއަށް މެޗު ކާމިޔާބު ކުރުމަށް ޓަކައި އިތުރު މަސައްކަތްތަކެއް ވެސް ކުރަން ޖެހިގެން ދިޔައެވެ.
ފުރަތަމަ 45 މިނެޓުގައި އިންޑިއާއިން ގޭމް ކޮންޓްރޯލް ކުރި ނަމަވެސް، ބޫޓާން އިން ދެވަނަ ހާފްގައި މުޅި ގޭމް އެމީހުންގެ އަތްމައްޗަށް ގެނައެވެ. އަދި ގިނަ ހަމަލާތަކެއް ގޯލަށް ފޮނުވައި ލެވުނު ނަމަވެސް އެންމެ ފުރިހަމަ ގޮތުގައި ނިންމައި ނުލެވިގެން ދިޔުމާއެކު، 1-2 ގެ ނަތީޖާއަކުން އިންޑިއާ ވަނީ ބޫޓާންގެ ކައިރިން 6 ވަނަ ފަހަރަށް ކާމިޔާބު ހޯދާފައެވެ.
އިންޑިއާއިން މެޗު މޮޅުވި ކަމުގައި ވިނަމަވެސް ދެވަނަ ހާފްގައި ބޫޓާންގެ ކުޅުންތެރިން ދެއްކި ހިތްވަރާއި އަޒުމާއި އެއްބައިވަންތަކަމަކީ ގިނަ ބައެއްގެ ހިތްތަކުގައި ބޫޓާންގެ ނަން ފަވާލެވިގެން ދިޔަ ސަބަބެކެވެ. އިންޑިއާއިން ހޯދި މޮޅާއެކު ސާފް ޗެމްޕިއަންޝިޕް 2026 ގެ ފައިނަލުން ޖާގަ އެމީހުން ވަނީ ކަށަވަރުކޮށްފައެވެ. މިއާއެކު، 10 ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލުމަކީ އިންޑިއާއިން ދެކެމުންދާނެ ހުވަފެނެއް ކަން ޔަޤީނެވެ.
ކޮމެންޓްރީ
ސާފު ފޯރި 2026: ތަށި ދިފާއުކުރުމާ އެއް ފިޔަވަޅު ގާތަށް: އިންޑިއާ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް!
ފާތިމަތު ލީޝާ އަޒްމީލް
ޚިޔާލު (0)
ޚިޔާލެއް ދޫކޮށްލާ