ސާފް ޗެންޕިއަންޝިޕް 2026ގެ ދެވަނަ ސެމީ ފައިނަލްގައި ވާދަކުރީ ޕާކިސްތާނާއި ބަންގްލަދޭޝެވެ. މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ޕާކިސްތާނަށް ވާސިލްވެވުނީ ގްރޫޕް ސްޓޭޖްގެ އެއް މެޗުން ބަލިވެ،ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ހޯދި މޮޅާއެކު ލިބުނު 3 ޕޮއިންޓާ އެކީގައެވެ. އެނެއްކޮޅުން ބަންގަލަދޭޝް ވަނީ މިފަހަރުގެ މުބާރާތުގައި ކުޅުނު ހުރުހާ މެޗަކުން މޮޅުވެ، ޖުމްލަ 6 ޕޮއިންޓް ހޯދާފައެވެ. މުބަރާތުގައި މިހާތަނަށް ދެ ޓީމުން ކުޅެފައިވާ މެޗުތަކުގެ ނަތީޖާތަކުން ދައްކާ ގޮތުގައި މި މެޗު ކާމިޔަބުކޮށް ފައިނަލާ ހަމައަށް ވާސިލްވާނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވުނީ ބަންގްލަދޭޝެވެ. މިގޮތުން، ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި އެ މީހުން ވަނީ ރޭވުންތެރި އަދި ހަރުދަނާ ކުޅުމެއް ދައްކާ، 4-0 އިން ލަންކާ ބަލިކޮށްފައެވެ. ހަމައެހެންމެ، މުޅި މުބާރާތުގައި ވެސް އެތައް ބައެއްގެ ކަޅި ހުއްޓިފައިވާ އިންގްލެންޑްގެ ޝެފިލްޑް ޔުނައިޓެޑަށް ކުޅެމުން އަންނަ ހުނަރުވެރި ދިފެންސިވް މިދްފިލްޑަރ ހަމްޒާ ޗޯދަރީ ވެސް ކުޅެމުން އަންނީ ބަންގްލަދޭޝް ޓީމަށެވެ. އެހެންނަމަވެސް، ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ޕާކިސްތާންއިން ވަރުގަދަ "ހައި ޕްރެސް" ކުޅުމެއް ދައްކާފައިވުމުން އެ ޓީމުން ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދާނެކަމަށް ވެސް ލަފަކުރެވުނެވެ.
ފުރަތަމަ ހާފު ފެށުމާއެކު ދެ ޓީމުން ވެސް "ހައި ޕްރެސް ގޭމެއް" ކުޅެން މަސައްކަތް ކުރިއެވެ. މިގޮތުން، މެޗު ފެށުނުތާ އެއް މިނެޓު ނުވަނިސް ޕާކިސްތާނުގެ މިޑިފިލްޑަރ އަލީ އުޒައިރު ވަނީ ނުރައްކާތެރި، ބާރު ހަމަލާއެއް ފޮނުވަލާފައެވެ. އެހެންނަމަވެސް، ބަންގްލަދޭޝްގެ ކީޕަރ މެހެދީ ހަސަން ސްރަބޮން ވަނީ ހުޝިޔާރުކަމާއެކު އެ ބޯޅަ މަތަކޮށްފައެވެ. މެޗުގެ އެހާ ކުރީކޮޅުގައި ޕާކިސްތާންއިން ރަނގަޅު 2 ހަމަލާއެއް އުފެއްދުމުން އަޅުގަނޑަށް ބޮޑަށް ގަބޫލުކުރެވުނީ ޕާކިސްތާންގެ ފަރާތުން މެޗުގެ ކުރިއަށް އޮތް ތާގައި ވެސް ރަނގަޅު ކުޅުމެއް ފެންނާނެކަމަށެވެ. އެހެންނަމަވެސް، ކަންތައް ވެގެން ދިޔައީ މުޅިން އިދިކޮޅަށެވެ. ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓާ، ނުރައްކާތެރި ހަމަލާތަކެއް ވެސް އުފެއްދީ ބަންގްލަދޭޝްގެ ކުޅުންތެރިންނެވެ. މިގޮތުން، އެ ޓީމުގެ ވަރުގަދަ ފޯރވާޑް ރަކީބް ހުސައިން ފޮނުވާލި ބޯޅަ ވަނީ ކަނާއަތު ފަޅީގެ އަރިމަތި ދަނޑީގައި ޖެހި، ގޯލްލައިން ހުރަސްކުރުމާ ވަރަށް ގާތަށް ގޮސްފައެވެ. ނަމަވެސް، ޕަކިސްތާނުގެ ޑިފެންޑަރުން ވަނީ ބޯޅަ ގޯލަށް ވަނުމަށް ހުރަސްއަޅާފައެވެ. މިއީ ފުރަތަމަ ހަފުގައި ބަންގްލަޑެޝަށް ގޯލެއް ޖެހުމަށް ލިބުނު އެންމެ ތަނަވަސް ފުރުސަތު ކަމާމެދު އެކަކުވެސް ދެބަހެއްނުވާނެކަން ހަމަ ޔަގީނެވެ. މިފަދަ އެތައް ހަމަލައެއް އުފައްދާ، ބަންގަލަދޭޝް ވަނީ ފުރަތަމަ ހާފުގެ 66% ޕޮސެޝަން ހޯދާފައެވެ. މި ހުރިހާ ހަމަލައެއް އުފައްދާ، ޓީމު ކުރިއަށް ގެންދިއުމުގައި އެންމެ އިސްދައުރެއް އަދާކުރި މޭސްތިރިއެއްކަމުގައި އަޅުގަނޑަށް ފެނުނީ ބަންގްލަދޭޝްގެ ކެޕްޓަން ހަމްޒާ ޗޯދަރީއެވެ. އަނެއްކޮޅުން ބަންގްލަދޭޝްގެ ހަމަލާތައް ހުއްޓުވުމަށް ޓަކައި ޕާކިސްތާނުގެ ޓީމުން ދެއްކި "ޑިފެންސިވް ގޭމްގައި" އިސްކޮށް މަސައްކަތް ކުރީ އެ ޓީމުގެ ކެޕްޓަން ޢަބްދުﷲ އިޤްބާލްއާއި، މުބީހުﷲއާއި، ޖުނޭދް ޝާހްއެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ފެނުނީ ބަންގްލަދޭޝްއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓާ، ޕާކިސްތާނުގެ ކޮޅަށް ނުރައްކާކުރަމުން ދިޔަ މަންޒަރެވެ. މިގޮތުން، އެ ޓީމުން ވަނީ ދެވަނަ ހާފުގައި 64% ޕޮސެޝަން ހިފަހައްޓާފައެވެ. ދެވަނަ ހާފުގައި ވެސް ޕާކިސްތާނުގެ ކުޅުންތެރިން ވަނީ ފަހަތައް ފައިބައިގެން ގިނަ ވަގުތު ޑިފެންސިވް ކުޅުމެއް ދައްކަފައެވެ. މިގޮތަށް މެޗުގެ ދެވަނަ ހާފު ވެސް ކުރިއަށް ދިޔުމުން ގިނަ ބަޔަކު ގަބޫލުކުރީ ބަންގްލަދޭޝްއިން ޕަކިސްތާނުގެ މައްޗަށް ކުރިހޯދާނެކަމަށެވެ. ހުދު އަޅުގަނޑު ވެސް ހީކުރީ ބަންގްލަދޭޝް މެޗު ކަމިޔާބުކޮށް، ފައިނަލާ ހަމައަށް ވާސިލްވާނެކަމަށެވެ. އެހެންނަމަވެސް، މެޗުގެ 85 ވަނަ މިނެޓުގައި ފެނިގެން ދިޔައީ މުޅިން ތަފަތު މަންޒަރެކެވެ. ޕާކިސްތާނުގެ ޢަބްދުލް ސަމަދް ޝެހްޒާދް އެ ޓީމަށް ގޯލެއް ޖަހައިދިން މަންޒަރެވެ. މިއާއެކު ދެ ޓީމުގެ ކުޅުމުގެ އުސްލޫބު މުޅިން ބަދަލުވިއެވެ. ޕާކިސްތާންއިން ޓީމް އިތުރަށް ކުރިއަށް ޖައްސާލާ، އިތުރު ހަމަލާތަކެއް އުފައްދަން ފެށިއެވެ. އަދި ބަންގްލަދޭޝްގެ ޓީމުގެ ކުޅުން ޑިފެންސިވް ކުޅުމަކަށް ބަދަލުވެގެން ދިޔައެވެ. މިއާއެކު ބަންގަލަދޭޝްގެ ސަޕޯޓަރުންގެ ފަރާތުން ވެސް ފެންނަމުން ދިޔަ ޖޯޝާއި ފޯރީގެ ކުލަވަރު ބަދަލުވެ، ހިތްހަމަނުޖެހުން ފާޅުކުރަމުން ދިޔަތަން ފެނުނެވެ. މިގޮތުން، ޕާކިސްތާނުގެ ކުޅުންތެރިންނަށް އުނދަގޫވަގޮތަށް ދަނޑަށް ސްމޯކް އުކަން ފެށިއެވެ. މިއީ މިފަދަ ބައިނަލްއަގުވާމީ މުބާރަތެއްގައި ފެނިގެން ވާނެ ފަދަ ޢަމަލެއް ނޫނެވެ. މިފަދަ ބޭއަދަބީ ޢަމަލުތަކަކީ ބައިނަލްއަގުވާމީ ފުޓުބޯޅައިގެ މަސްރަހުގައި ވެސް ހަރުކަށިކަމާއެކު ކުށްވެރިކުރާ ފަދަ ޢަމަލުތަކެކެވެ. މި ހަމަނުޖެހުންތައް ހުއްޓުވަމަށް ޓަކައި އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރީ ބަންގްލަދޭޝްގެ ކެޕްޓަން ހަމްޒާ ޗޯދަރީއެވެ. އަދި 95 ވަނަ މިނެތުގައި ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގާދިޔަ ހަމަނުޖެހުންތައް ހުއްޓުވުމުގައި ވެސް އޭނަ އިސް ދައުރެއެއް އަދާކުރިއެވެ. މެޗުގެ ފަހު ވަގުތުގެ ތެރޭގައި ހިނގަދިޔަ މި ހަމަނުޖެހުންތައް ހުޓުވުމުގައި ޗޯދަރީ ވަނީ އެހެން ކުޅުންތެރިންނަށް ލާމަސީލު ނަމުނާއެއް ދައްކަފައެވެ.
މެޗު ނިމިގެން ދިޔައީ 1-0ގެ ނަތީޖާއަކުން ޕަކިސްތާނު ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދައިގެނެވެ. ޕާކިސްތަނު ވަނީ މި މެޗުގައި އެތައް ތަކުލީފަކާއި އުންދަގޫތަކާ ކުރިމަތިލާފައެވެ. އަދި އެ ޓީމުގެ ކުޅުންތެރިން ވަނީ ވަރުބަލިކަމާއި ހަސްކަމުން ފުރިގެންވާ ދަނޑިވަޅުތައް ވެސް ތަހަންމަލުކޮށްފައެވެ. އެހެންނަމަވެސް، ވަރުގަދަ ހިތްވަރާއި އަޒުމާއެކު ކުރި މަސައްކަތުގެ ފޮނި ނަތީޖާ އެންމެ ފަހު ވަގުތުގައި އެ މީހުންނަށް ލިބުނެވެ. މި އާދަޔާހިލަފު ކާމިޔާބީއަކީ ޕަކިސްތާނުގެ ކުޅުންތެރިން މެދުކެންޑުމެއްނެތި ކުރި ބުރަ މަސައްކަތުގެ ނަތީޖައެވެ. އަދި މުޅި ޓީމު އެއްކޮށް ގުލިގެން އަދި އެކައްޗެއް ކިޔައިގެން ދެއްކި ރޭވުންތެރި ކުޅުމުގެ ކާމިޔާބީއެވެ. މިއާއެކު ޕަކިސްތާންއިން ސާފް ޗެންޕިއަންޝިޕެއްގެ ފައިނަލްގައި ވަދަކުރުމަށް ކުރަމުން ދިޔަ ދިގު އިންތިޒާރު މިވަނީ ނިމި، ހަޤީޤަތަކަށްވެފައެވެ. ފައިނަލްގައި އެ ޓީމު ބައްދަލުކުރާނީ މުބާރާތުގެ އެންމެ ކާމިޔާބު ޤައުމުކަމަށްވާ އިންޑިއާއާއެވެ.
ރަސްލާން އަބްދުއްރައްޒާޤް
ޚިޔާލު (0)
ޚިޔާލެއް ދޫކޮށްލާ