އިންޑިއާ ކަނޑުގައި ކުދިކުދި މުތީތަކެއް ފަދައިން ވިދަމުން އަންނަ ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގައި އިންގިލާބީ
ކުރިއެރުންތައް ހޯދަމުން އަންނަ ގައުމެކެވެ. ހަމަ އެފަދައިން މިއަދު މިރާއްޖޭގެ އިޤްތިޞާދީ ބިންގަލަކީވެސް ފަތުރުވެރިކަމެވެ. މިއީ
އަޅުގަނޑުމެން އެންމެން ޤަބޫލުކުރާ ހަޤީގަތެވެ. ނަމަވެސް ދިވެހި އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމުގެ ސިނާޢަތުގެ މައްޗަށް
ބަރޯސާވުމަކީ ގައުމުގެ ހަމަޖެހުމާއި މާލީ މިނިވަންކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. ސަބަބަކީ ދުނިޔޭގެ ބަޒާރަށް ނުވަތަ
ބައިނަލްއަޤްވާމީ މަސްރަޙަށް އަންނަ ކޮންމެ ލޮޅުމަކާއެކު ދިވެހި އިޤްތިޞާދުގެ މައިބަދަ ބިންދައިގެން ދާފަދަ ނާޒުކު ފައްތަރަކަށް
މިއަދު ކަންކަން ގޮސްފައިވާތީއެވެ. ޒަމާނުއްސުރެ ދިވެހިންނަކީ އަމިއްލަ މަސައްކަތުން ކައިބޮއެ އުޅުނު، އަމިއްލަވަންތަ
އިޤްތިޞާދެއް ބިނާކޮށްފައިވާ ބަޔަކަށްވީ ނަމަވެސް، މިއަދު މުޅި ގައުމުގެ މުސްތަޤުބަލު މިވަނީ ބޭރުން އަންނަ ފަތުރުވެރިޔާގެ
ޖީބުން ލިބޭ ފައިސާކޮޅަށް ދޫކޮށްލެވިފައެވެ. އަޅުގަނޑުމެންގެ ގައުމީ އުފެއްދުންތެރިކަމުގެ ބޮޑު ބައެއް މި ސިނާޢަތަށް ބަރޯސާ
ވެފައި އޮތުމުން، އިޤްތިޞާދީ އެހެންދައިރާތައް ވަނީ މުޅިން އަޅާނުލެވި ވީރާނާވެފައެވެ. ކަންމިހެން އޮތުމުން، މުޅި ގައުމުގެ
އިޤްތިޞާދީ ނޭވާ ހަމައެކަނި އެންމެ ސިނާޢަތަކަށް ބަރޯސާކޮށްގެން ތިބުމަކީ ފައިދާ ހުރި ގޮތެއް ނޫނެވެ.
ފަތުރުވެރިކަމުގެ ސިނާޢަތަކީ ބައިނަލްއަޤްވާމީ މަސްރަޙަށް އަންނަ ބަދަލުތަކާއި، ހަނގުރާމަތަކާއި، ބަލިމަޑުކަމުގެ އިތުރުން
ދުނިޔޭގެ މާލީ ކާރިސާތަކަށް ވަރަށް ނާޒުކު އަދި ފަސޭހައިން އަސަރުކުރާ ދާއިރާއެކެވެ. އެގޮތުން 2019 ވަނަ އަހަރު މުޅި
ދުނިޔެ ސިއްސުވާލި ކޮވިޑްގެ ބަލިމަޑުކަމަކީ ވެސް ދިވެހިރާއްޖޭގެ އިޤްތިޞާދު އަނދަވަޅަކަށް ވައްޓައިލި އެއް ވަބާއެވެ. މިކަމުގެ
ސަބަބުން ބޯޑަރުތައް ބަންދު ކުރަންޖެހި ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް އިންތިހާއަށް ދަށަށް ދިޔައެވެ. މިގޮތުން
ރާއްޖޭގެ ޖީޑީޕީގެ 60 އިންސައްތަ ދަށަށް ގޮސް، 4.6 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުންވަނީ ލިބިފައެވެ. އަދި ރިސޯޓުތައް
ހުއްޓުމަކަށް އައިސް، ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވައި، ދިވެހި އާއިލާތަކަށް މާލީ
ދަތިތަކާ ކުރިމަތިލާންޖެހުނެވެ. މީގެ އިތުރުން، މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ވެސް މިވަނީ
ފަތުރުވެރިކަމުގެ ސިނާޢަތަށް ލޮޅުން އަރާފައެވެ. އެގޮތުން ރާއްޖެއަށް ފަތުރުވެރިން އަންނަ މައިރޫޓުތައް ވަނީ ބަންދުކޮށްފައެވެ.
މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މިއަހަރު ފެށުނު ފަހުން، ހަނގުރާމަ
ފެށުމާ ހަމައަށް ރާއްޖެއަށް ދުވާލަކު އެވްރެޖްކޮށް 7000 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. ނަމަވެސް ހަނގުރާމަ ފެށުނު ފަހުން އެ
އަދަދު ހަތަރުހާހާއި، ފަސްހާހާ ދެމެދުގެ އަދަދަކަށް ދަށްވެ، ދުވާލެއްގެ މައްޗަށް ދެހާހެއްހައި ބުކިން ކެންސަލްވެއެވެ. އެއީ 21
އިންސައްތައިގެ ދަށްވުމެކެވެ. އެއީ ގެއްލުނު އާމްދަނީއެވެ. ގެއްލުނު އެތައް ހާސް ޑޮލަރެކެވެ. އެހެންކަމުން، ދިވެހި އިޤްތިޞާދު
ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާ ކުރުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ.
ދިވެހި އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވުމުން ޑޮލަރުގެ ތާށިކަމާ ކުރިމަތިލާންޖެހެއެވެ. ރިސޯޓުތަކުން ލިބޭ
އާމްދަނީގެ ބޮޑު ބައެއް ބޭރުގެ އިންވެސްޓަރުންގެ ބޭންކް އެކައުންޓްތަކަށް ދާއިރު، ރާއްޖޭގެ މަރުކަޒީ ބޭންކުގައި ހިފެހެއްޓެނީ މަދު
މިންވަރެކެވެ. މިކަމުގެ ސަބަބުން ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި، ދިވެހި ރުފިޔާގެ އަގު ދަނީ ދުވަހެއް ދުވަހަކަށް
ވެއްޓެމުންނެވެ. އަޅުގަނޑުމެންނަކީ ކާބޯތަކެއްޗާއި ޒަރޫރީ ހުރިހާ އެއްޗެއް އިމްޕޯޓު ކުރާ ގައުމަކަށް ވާއިރު ޑޮލަރުގެ ތާށިކަން
ކުރިމަތިވުމުން ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، އާއްމު ރައްޔިތު މީހާގެ ދިރިއުޅުން މިވަނީ ބޮޑު ތަކުލީފަކަށްވެފައެވެ.
ފަތުރުވެރިކަމުގެ ބަދަލުގައި ރާއްޖޭގައި އަމިއްލަ އުފެއްދުންތެރިކަން އިތުރުކޮށް، ބޭރަށް މުދާ އެކްސްޕޯޓުކުރާ ސިނާޢަތްތައް ކުރިއަރުވައިފިނަމަ ގައުމަށް ވަންނަ ޑޮލަރު ދިވެހި އިޤްތިޞާދު ތެރޭގައި ދައުރުވާނެއެވެ. ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވުމަކީ
ޑޮލަރުގެ ދަތިކަން ކުރިމަތިވެ، މުޅި މާލީ ނިޒާމް ބިރުވެރިކަމެއްގެ ތެރޭގައި އޮންނަންޖެހޭ ސަބަބެކެވެ. ވުމާއެކު، ބޭރު ފައިސާގެ
ރިޒާވް ވަރުގަދަކޮށް ކަޅު ބާޒާރު ނައްތައި ލެވޭނީ ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އައު ސިނާޢަތްތަކުން ޑޮލަރު
ހޯދާނެ މަގުތައް ފަހިކޮށްގެންނެވެ. އެހެންކަމުން، ހަމައެކަނި ފަތުރުވެރިކަމަށް ދިވެހި އިޤްތިޞާދު ބަރޯސާކުރުމަކީ ގެއްލުން ބޮޑު
ސިޔާސަތެކެވެ.
ދިވެހި އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާނުވާންވީ އަނެއް ސަބަބަކީ އެ ސިނާޢަތުން އުފައްދާ
ގިނަ ވަޒީފާތައް ބޭރު މީހުންނަށް ލިބި، އާމްދަނީގެ ބޮޑު ބައެއް ގައުމުން ބޭރަށް ދާތީއެވެ. ރިސޯޓުތަކުގެ މަތީފަންތީގެ
މެނޭޖްމަންޓް ވަޒީފާތަކާއި، ބޮޑެތި މުސާރަލިބޭ މަޤާމުތަކުގައި ގިނައިން ތިބެނީ ބިދޭސީންނެވެ. އެގޮތުން މޯލްޑިވްސް ބިއުރޯ އޮފް
ސްޓެޓިސްޓިކްސް އިން އާންމުކުރި ގޮތުގައި ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ 70 އިންސައްތައަކީ ބިދޭސީ
މުވައްޒަފުންނެވެ. މީގެ އިތުރުން، ފަތުރުވެރިކަމަށް ބަރޯސާވެ، ކޮންސްޓްރަކްޝަން، ސިނާޢަތް ފުޅާވުމުން ގައުމަށް އެތައް ހާސް
ބިދޭސީންނެ އެތެރެވެއެވެ. އެމީހުން ހޯދައި ފައިސާ ރެމިޓެންސްގެ ގޮތުގައި ގައުމުން ބޭރުކުރެއެވެ. މިގޮތުން މޯލްޑިވްސް މަނިޓަރީ
އޮތޯރިޓީ ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން އަހަރަކު ގާތްގަނޑަކަށް 660 މިލިއަން ޔޫއެސް
ޑޮލަރު، ރާއްޖެއިން ބޭރަށް ފޮނުވައެވެ. މިކަމުގެ ސަބަބުން، އެ ފައިސާ އަލުން ދިވެހި ވިޔަފާރިތަކުގެ ތެރެއަށް ވަދެ އިޤްތިޞާދު
ފުޅާވުމުގެ ފުރަސަތު ހަނިވެއެވެ. ކަންމިހެން އޮތުމުން، ދިވެހި އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވުމަކީ އެންމެ
ރައްކާތެރި އުސޫލެއް ނޫނެވެ.
ދިވެހި އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވުމަކީ ފައިދާ ހުރި ގޮތެއް ނޫންކަން ސާބިތުކޮށްދޭ އަނެއް ސަބަބަކީ
މި ސިނާޢަތުގެ މުޅި ސަޕްލައި ޗެއިން ބޭރުގެ އެއާލައިންތަކަށާއި ބައިނަލްއަޤްވާމީ ޓުއާ އޮޕަރޭޓަރުންގެ މައްޗަށް މުޅިން
ބަރޯސާވެފައި އޮތުމެވެ. ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވުމުން، ފަތުރުވެރިން ގައުމަށް ގެނައުމުގެ ބޮޑު ބާރެއް އޮންނަނީ ބޭރުގެ
އޭވިއޭޝަން ދާއިރާގެ އަތްމަތީގައެވެ. ދުނިޔޭގެ މާކެޓަށް އަންނަ ކުދި ބަދަލުތަކާ ގުޅިގެން ވައިގެ ދަތުރު ފަތުރަށް ބަދަލު އަންނަ
ކޮންމެ ފަހަރަކު ރާއްޖޭގެ ފަތުރުވެރިކަމަށް އޭގެ ނެދެވޭ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. އެގޮތުން މަޝްހޫރު ޓްރެވަލް
އެސޯސިއޭޝަންތަކުން ހާމަކޮށްފައިވާ ގޮތުގައި، އެއާލައިންތަކުގެ ދަތުރުތައް މަދުވުމާއި ކެންސަލްވުންތަކުގެ ސަބަބުން ރާއްޖޭގެ
ފަތުރުވެރިކަމަށް އެކަނިވެސް 500 މިލިއަނަށްވުރެ ގިނަ ޔޫއެސް ޑޮލަރުގެ ބޮޑު މާލީ ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވެއެވެ.
މީގެއިތުރުން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ބޮޑުބައެއް ބުކިން ހަދަނީ ބޭރުގެ ބޮޑެތި ޓުއަ އޮޕަރޭޓަރުންނާއި ބޭރުގެ އޮންލައިން
އެޖެންސީތައް މެދުވެރިކޮށް ކަމަށްވުމުން، ފަތުރުވެރިޔާ ޚަރަދުކުރާ ފައިސާގެ ބޮޑު އިންސައްތައެއް ކޮމިޝަނުގެ ގޮތުގައި ގައުމުން
ބޭރުގައި ހިފެހެއްޓެއެވެ. ވުމާއެކު، ގައުމުގެ މުޅި މާލީ ނިޒާމާއި ރައްޔިތުންގެ ދިރިއުޅުން، އަމިއްލަ އެއްވެސް ކޮންޓްރޯލެއް ނެތް
ބޭރުގެ އެއާލައިންތަކެއްގެ ފްލައިޓް ޝެޑިއުލްތަކެއްގެ މައްޗަށް ދޫކޮށްލުމަކީ ދިވެހި އިޤްތިޞާދަށް ލިބޭ ނުހަނު ބޮޑު ގެއްލުމެކެވެ.
އެހެންކަމުން، ހަމައެކަނި ފަތުރުވެރިކަމަށް މުޅި އިޤްތިޞާދު ބަރޯސާވުން ހުއްޓާލަންޖެހެއެވެ.
ފަތުރުވެރިކަމަކީ ރާއްޖޭގެ ރަންބިސްއަޅާ ކުކުޅުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރިޔަސް މުޅި ގައުމުގެ މާލީ ބާރު
ހަމައެކަނި އެދާއިރާއަށް ދޫކޮށްލުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ. މާޒީގައި ހިނގާފައިވާ ބޮޑެތި ކާރިސާތަކުންނާއި އަދި މިހާރު
ހިނގަމުން އަންނަ ކަންކަމުން ސާބިތުވާފަދައިން ބައިނަލްއަޤްވާމީ މަސްރަޙަށް އަންނަ ކޮންމެ ނޭދެވޭ ބަދަލަކާއެކު ދިވެހި އިޤްތިޞާދަށް ސިދާ ގޮތުން ބޮޑެތި ގެއްލުންތައް ކުރިމަތިވެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުން ލިބޭ ނަފާގެ ބޮޑު ބައެއް
ގައުމުން ބެރުވުމުގެ ސަބަބުން އުފެދޭ ޑޮލަރުގެ ތާށިކަމާއި، ސިނާޢަތުގެ ގިނަ ވަޒީފާތަކުގައި ބިދޭސީން އަތްގަދަކޮށްގެން އުޅުމަކީ
ދިވެހި މަސައްކަތްތެރިން ބާކީވެ، ދިވެހި އިޤްތިޞާދު ބަލިކަށިވާ ކަމެކެވެ. ހަމައެއާއެކު، މި ސިނާޢަތަކީ ބޭރުގެ އެއާލައިންތަކަށާއި
ޓުއާ އޮޕަރޭޓަރުންނަށް ބަރޯސާވާ ސިނާޢަތަކަށްވުމުން މަލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބެމުންދެއެވެ. އެހެންކަމުން، ދިވެހި
އިޤްތިޞާދުގެ ސަލަމަތާއި، މާލީ ސިޔާދަތު ރައްކާތެރި ކުރެވެން އޮތީ ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވުން ހުއްޓާލައި، ފަންނީ
އެހެން ދާއިރާތައް ކުރިއަރުވައި، އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ އުފެއްދުންތެރި އިޤްތިޞާދެއް ބިނާކޮށްގެންނެވެ.