ޖަޒީރާވަންތަ ދިވެހިރާއްޖޭގެ ކޮންމެ ދޮންވެލި ގޮނޑުދޮށަކާއި، ނޫކުލައިގެ ކަނޑުތަކަކީ ހަމައެކަނި ގުދުރަތީ ރީތިކަމެއް ނޫނެވެ. އެއީ ޒަމާންތަކެއްވީ ދިވެހިންގެ ދިރިއުޅުމުގެ ދިގު ތާރީހުގެ ހެކިވެރިންނެވެ. މިއަދު ދުނިޔެއަށް މިއަންނަ ހަލުވި ބަދަލުތަކާއެކު މުޖުތަމައުގެ ތަރައްގީ އާއި ކުރިއެރުން ވަޒަންކުރާ އެންމެ ބޮޑު ތިލަފަތަކީ "ތަހުޒީބު" ކަމަށްވާއިރު ދިވެހި ތާރީހު ދުށް ކާބަފައިންގެ ދިރިއުޅުމަކީ ނަމޫނާއެކެވެ. 21 ވަނަ ގަރުނާއެކު އަހަރެމެންގެ މުޖުތަމައުން ފެންނަމުންމިދާ އުސް އިމާރާތްތަކާއި ޒަމާނީ ވަސީލަތްތަކަށް އެކަނި ނިސްބަތްކޮށް ތަހުޒީބުވުން މާނަ ކުރުމަކީ އެންމެ އިންސާފުވެރި ގޮތެއް ނޫނެވެ. އެހެނީ ތަހުޒީބަކީ އިންސާނާގެ އަޚުލާގާއި، ބަސް މަގާއި އެކަކު އަނެކަކަށް ކުރާ އިހްތިރާމުން ފެންނަން އޮންނަ ލޯގަނޑެކެވެ. މި މޭރުމުން ވިސްނާލާއިރު އަދުގެ ދިވެހިންނަކީ ހަމަ ހަގީގަތުގައި ވެސް ތަހުޒީބު ބައެއް ބާވައެވެ؟ ނޫނެކެވެ. ފެންނަމުންދާ ހަގީގަތްތަކުން ފެނި ހާމަވަނީ މުޅިން އެހެން މަންޒަރެކެވެ. އެހެންކަމުން ދިވެހިންނަކީ ތަހުޒީބުވެފައިވާ ބައެކޭ ދެންނެވޭކަށް ނެތެވެ.
ތެދެކެވެ. ދިވެހިންނަކީ ޒަމާނުއްސުރެ ސާފުތާހިރުކަމަށް ލޯބިކުރާ ސާފުތާހިރު ބައެއް ކަމަށް ވަކާލާތު ކުރާ ބައެކެވެ. ނަމަވެސް ދިވެހިންގެ ތެރެއިން މަގުމައްޗަށާއި ގޮނޑުދޮށްތަކަށާއި ފަރަށް ކުނިއަޅާ މީހުން އިންތިހާއަށް ގިނަވެއްޖެއެވެ. ފަރުދީ ޒިންމާ އަދާ ކުރަނީ މަދު ބައެކެވެ. އެގޮތުން ވެރިރަށް މާލޭގެ ބައެއް ސަރަހައްދުތަކުން ހިނގާފައި ދާއިރު ނޯއް ދަމާލަން ނުކެރެއެވެ. ސަބަބަކީ ކުނި ކޮތަޅުތަކުގެ ޖަގަހައަކަށް މަގުތައް ހަދާފައި ވާތީއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީން ވެސް ދިރިއުޅޭ، އަދި އެކި ކަންކަމުގައި މާލެއަށް
ޒިޔާރަތްކުރާ މީހުން ތިބޭއިރު މާލޭގެ މަގުތަކުގެ ސާފުތާހިރުކަމަށް ސަމާލުކަން ދޭން ޖެހޭނީ މަގުތައް ބޭނުންކުރާ މީހުންނެވެ. ނަމަވެސް ދިވެހިން މި ކަންކަމަށް އަޅާލާ މަންޒަރެއް ނުފެނެއެވެ. ސުޕާރީ ކާލުމަށްފަހު ނޫނީ ކިއްލިއެއް ކާލުމަށްފަހު އޭގެ ޕެކެޓު މަގުމައްޗަށް އެއްލާލަނީ ދެވަނަ ވިސްނުމަކަށް ނުގޮހެވެ. މީގެ ސަބަބުން ވައިގަދަވެ ވިއްސާރަ ދުވަހެއް ނަމަ މަގުމަތީގައި ކުނިތައް ގިނަވެ ހިނގާބިގާނވެ އުޅޭ މީހުންނަށް އުނދަގޫވެއެވެ. އަދި ހަމައެފަދައިން މޫދަށާއި ފަޅަށް ކުނި އަޅާ މީހުން ވެސް އުޅޭއިރު މީގެ އެއް ހެއްކަކީ ވިލިމާލެ ފެރީއަށް އަރަން ދާއިރު މޫދުން ފެންނަ ގިނަ ކުނިބުނިތަކެވެ. އެހެންކަމުން ދިވެހިންނަކީ ތަންތަނަށް ކުނި އެޅުމުގައި ވަކި ހައްދެއް އޮންނަ ބަޔަކަށް ނުވާތީ ތަހުޒީބުވެފައެކޭ ނުދެންނެވޭނެއެވެ.
ގަބޫލުކުރަމެވެ. ދިވެހިންގެ ދިރިއުޅުން ބިނާވެފައިވަނީ ރިވެތި އަޚްލާގަށް ބާރުއަޅާ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށެވެ. ކާބަފައިން ވެސް އަހަރެމެންނަށް ދަސްކޮށްދިނީ ރިވެތި ސިފަތަކެވެ. ކަން މިހެން އޮތް ނަމަވެސް މިއަދުގެ އަޚްލާގީ ފެންވަރަށް ބަލާލާއިރު އަދުގެ މުޖުތަމައުގައި ކުޑަކުއްޖެއް ބޮޑު މީހެއް ބަލާލުމެއް ނޯވެއެވެ. ކުޑަކުދިންނާއި ފުރާވަރުގެ ކުދިން އެއްވެ މަޖާކުރާ ޕާކުތަކާއި، ބަނދަރާއި އަދި އެ ނޫން ވެސް ގިނަ ތަންތަނަކީ އެތަނެއްގައި އެންމެ ގިނަ ނޭދެވޭ އަމަލުތައް ކުރާ ތަންތަނެވެ. އެގޮތުން ބޮޑެތި މީހުން ނުވަތަ ކަމުވޮށިގެންވާ މީހުން ވެސް އެ ސަރަހައްދުތަކަށް ގޮސް ހިތަށް އެރިހާ މީހަކާ ޒުވާބުކޮށް ނުވަތަ ހިތަށް އެރިހާ ގޮތަކަށް ހަޑިހުތުރު ބަހުން ވާހަކަ ދައްކާއިރު ގާތުގައި ހުންނަ ކުޑަ، ދުނިޔޭގެ ކަންކަން ދަސްކުރަމުން އަންނަ ކުއްޖާއަށް ތަޖުރިބާ ކުރެވޭ މަންޒަރަކީ މާ އެދެވޭ މަންޒަރެއް ނޫނެވެ. ކުދިން ސްކޫލަށް ދިޔަޔަސް ތަނުގެ ވެރިންނަށް އިހްތިރާމް ކުރާ މަންޒަރެއް ނުފެނެއެވެ. ހަމަ އެފަދައިން ތިމާ އެމީހެއްގެ ބަނޑުގައި ނުވަ މަހާއި ނުވަ ދުވަސްވަންދެން އުފުލި މައި މީހާއަށް ދިމާލަށް މިއަދު ފެންނަނީ ހިތަށް އެރިހާ އެއްޗެއް ގޮވަމުންދާ ހިތްދަތި މަންޒަރެވެ. އަދި މަގެއްގެ މައްޗަށް ނިކުތުމުން ދިވެހިންގެ ރީތި ބަސްތައް ބޭނުން ކުރުމުގެ ބަދަލުގައި އަޑު އިވެނީ ހަޑިހުތުރު ބަސްތަކުން މުހާތަބު ކުރާ އަޑެވެ. މިކަމުގައި ކުޑަ ކުއްޖެއް، ޒުވާނެއް އިސްތިސްނާއެއް ނުވާނެކަން ގައިމެވެ. ވުމާއެކު ދިވެހިންގެ އަޚްލާގީ ފެންވަރު މިހާ ދަށު ދަރަޖައަކަށް ވެއްޓުމުން ދިވެހިން ތަހުޒީބުވެފައިވާ ކަމަށް ގަބޫލެއް ނުކުރެވޭނެއެވެ.
އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް ދިވެހިރާއްޖޭގައި ވެސް އެންޓި ކޮރަޕްޝަން ކޮމިޝަނަކާއި ރިޝްވަތުގެ މުއާމަލާތްތަކުގައި ބައިވެރިވާ މީހުންނަށް އަދަބުތައް ކަނޑައަޅާފައި ހުރެއެވެ. ނަމަވެސް އެއްވެސް އަދަބެއް ތަންފީޒުކުރެވޭ ތަނެއް ނާދެއެވެ. ވުމާއެކު ދިވެހި މުޖުތަމައުގައި ރިޝްވަތާއި ކޮރަޕްޝަން މިވަނީ ނުހަނު ބޮޑަށް އާންމުވެފައެވެ. ހާއްސަކޮށް އިންތިހާބަކާއި ކުރިމަތި ވެއްޖެނަމަ ކެންޑިޑޭޓުންތައް އުޅޭނީ ހޭބޯނާރާ ރިޝްވަތު ބެހުމުގައެވެ. ވޯޓެއްގެ އަގު އުޅެނީ 25000 – 5000 ރުފިޔާއާ ދެމެދުގައެވެ. އަދި މިކަހަލަ ކަމެއް ބޯމަތި ވެއްޖެނަމަ ކެންޑިޑޭޓުންގެ ޖަގަހަތަކާއި އެމީހުންގެ ފަސްފަހަތުން އުޅޭ މީހުން އޮންނަނީ ގިނަވެފައެވެ. ބަޤަރާ ސޫރަތުގެ 188 ވަނަ އާޔަތުގެ މާނައިގައި ވަނީ " އަދި ތިޔަބައިމީހުން މުދާތައް ތިޔަބައިމީހުންގެ މެދުގައި ބާތިލުގޮތުގައި ނުކާށެވެ! އަދި ތިޔަބައިމީހުން ދެނެ ތިބެގެންމެ (އެބަހީ މުދާތަކުގެ ބައެއް) ހާކިމުންނަށް ނުދޭށެވެ!" ދީނީ ގޮތުން ވެސް ރިޝްވަތަކީ ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަމެއް ކަން އިނގޭއިރު ވެސް މި ގައުމުގައި ކުށަކަށްނުވާ ހިސާބަށް މި ކަންކަން ވަނީ ގޮސްފައެވެ. މީގެ އިތުރުން ރިޝްވަތުގެ
މުއާމަލާތްތަކުގައި ބައިވެރިވެ ވަޒީފާ ހޯދުމާއި އަދާކުރަމުންދާ ވަޒީފާއިން ޕްރޮމޯޝަން ހޯދުން ވެސް ވަނީ އާންމު ކަމަކަށް ވެފައެވެ. އެހެންކަމުން މި ފަދަ ވިޔާނުދާ އަމަލުތައް ކުރާ ބަޔަކަށް ތަހުޒީބުވެފައެކޭ ނުދެންނެވޭނެއެވެ.
ރަނގަޅެވެ. އެއް ވަޒީފާއިން ލިބޭ މުސާރައިން އެކަނި ފުއްދާނުލައި، އިތުރު މަސައްކަތް ކޮށްގެން އާމްދަނީ އިތުރުކުރަން އެތައް ދިވެހިންނެއް މަސައްކަތް ކުރެއެވެ. އެހެންނަމަވެސް އިތުރަށް ލިބޭ ފައިސާ ވެސް ދިވެހިން ހަރަދުކުރަނީ ބޭކާރު ގޮތުގައެވެ. އެންމެ ފަހުގެ ޒަމާނީ ހެދުންތަކާއި، އެންމެ ފަހުގެ ފޯނާއި ސައިކަލު ގަތުމަށް ބޭނުން ނެތް އެތައް ހަރަދުތަކެއް ކުރެއެވެ. އެއީ ދިވެހިންގެ ކަށީގައި ހިފާފައި ހުންނަ ކަމެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ތަހުޒީބަކީ މާލީ ޒިންމާދާރުކަން ކަމަށް ވެސް ވާއިރު، މިއަދު ދިވެހިންގެ ފަރާތުން
ފެނިގެންދަނީ މާލީ ނާތަހުޒީބުގެ އިންތިހާއެވެ. އެގޮތުން ލިބޭ އާމްދަނީއަށްވުރެ ދިރިއުޅުމުގެ ހަރަދުތައް މަތިކޮށް، ދެއްކުންތެރިކަމުގެ ސަގާފަތެއްގައި ދިވެހިން ވަނީ ބެދިފައެވެ. ކޮންމެ ދުވަހަކު ކާބޯތަކެތި އިންތިހާއަށް އިސްރާފު ކުރާއިރު، އަގުބޮޑު ކެފޭތަކާއި ރެސްޓޯރެންޓުތަކަށް ކުރާ ބޭކާރު ހަރަދުތަކުން މިއަދު ގިނަ ދިވެހިންގެ ޖީބުތައް ވަނީ ހުސްވެފައެވެ. މީގެ އިތުރުން އަމިއްލަ ފައި މައްޗައް ތެދުވުމުގެ ބަދަލުގައި ކްރެޑިޓް ކާޑުތަކާއި ލޯނުފަދަ ތަކެތީގެ މަޅިތަކުގައި ދިވެހި ޒުވާނުން އަންނަނީ އަމިއްލައަށް ބެދެމުންނެވެ. އެހެން ކަމުން މިއަދުގެ އުފަލައްޓަކައި މާދަމާގެ މުޅި ދިރިއުޅުން ދަރަނިވެރިކޮށް އިސްރާފުގެ ސަގާފަތެއްގައި ބެހެމުން ދާ ބަޔަކަށް ތަހުޒީބުވެފައޭ ކިޔަން ހެޔޮނުވާނެއެވެ.
ތެދެކެވެ. ހަނގާ ކުރުމާ ދެކޮޅަށް އަޑުއުފުލާ މީހުން ރާއްޖޭގައި ވެސް ވަރަށް ގިނަވެއްޖެއެވެ. ނަމަވެސް ހަނގާ ކުރާ މީހުންގެ އަމަލުތަކަކަށް ހުއްޓުމެއް ނާދެއެވެ. އެގޮތުން މަގުތަކާއި އޮފީސް މާހައުލާއި ގޭތެރެއާއި ސްކޫލު ތެރޭގައި ވެސް ހިނގާ ހަނގާގެ ވާހަކަތަކަކީ ތާ އަބަދުވެ އިވޭ އަޑުތަކެވެ. މުޖުތަމައުގެ ތެރޭގައި އެކަކު އަނެކަކާ ދިމާކުރުން އޮތީ ވަކި ތަނެއްގައި ވަކި ބައެއްގެ ތެރޭގައި ވަކި މިންވަރަކަށޭ ބުނެވޭ ވަރަށް ވުރެ ބޮޑަށް މިކަން ވަނީ އާންމުވެފައެވެ. މީގެ އިތުރުން ތުއްތު ކުދިންނަށް ގޭތެރެއިން ވެސް ފެނިގެންދާ ހަނގާގެ
މަންޒަރުތަކަކީ ނުހަނު ކަންބޮޑުވާން ޖެހޭ ކަމެކެވެ. މި ކަންތައް އެކުދިންގެ ސިކުނޑިއަށް ނަގައިގަނެ އެކުދިން ސްކޫލަށް ގޮސް އެހެން ކުދިން ހަނގާގެ ޝިކާރައަކަށް ހަދާލައެވެ. އަދި ރާއްޖޭގެ ކޮންމެ ޗެނަލެއް ހުޅުވާލާ ވަގުތު ވެސް ފެނިގެންދަނީ ކޮންމެ ވެސް ދެމީހަކު އެކަ ކު އަނެކަކާ ދިމާއަށް ހިތުހުރި ނަމަކުން ގޮވާ ހިތަށް އެރިހާ އެއްޗެއް ކިޔާލާ މަންޒަރެވެ. ސޯޝަލް މީޑިޔާގެ ޕްލެޓްފޯމްތައް ވެސް ހުރީ ހަމަ މިހާ ދަށު ދަރަޖައެއްގައެވެ. ދާދި ފަހުން މުޅި ރާއްޖެ ވެސް ސިއްސުވާލީ އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކު ހަނގާގެ ޝިކާރައަކަށްވެ އަމިއްލައަށް މި ދުނިޔޭން ނިމިދިޔަ ޚަބަރުންނެވެ. އެހެންކަމުން ދިވެހިންގެ ތެރޭގައި ހަނގާ އިންތިހާއަށް އާންމުވެފައި ވުމުން ދިވެހިންނަކީ ތަހުޒީބު ބައެއް ނޫނެވެ.
ދިވެހިންގެ ފަރާތުން ބައެއް ކަންކަމުގައި ތަހުޒީބީ ސިފަތައް ފެނިގެންދެއެވެ. ނަމަވެސް ދިވެހިންގެ ފަރާތުން ފެންނަ ކުނި އެޅުމުގެ ސަގާފަތާއި އަޚްލާގީ ފެންވަރު ދަށްވުމާއި ރިޝްވަތުގެ މުއާމަލާތްތަކުގައި ދިވެހިން ބައިވެރިވާ މިންވަރު އިތުރުވުމުގެ ސަބަބުން ދިވެހިންގެ ނާތަހުޒީބުކަން މާ ކުރިއަރައިގެން ދެއެވެ. މީގެ އިތުރުން ހަނގާ ކުރުން އާންމުވުމާ ބޭކާރު ހަރަދުތައް ކުރުން ގިނަ ވުމަކީ ވެސް ދިވެހިންގެ ނާތަހުޒީބު ކަމަށް އިތުރުވާ ބޮޅެކެވެ. އެހެންކަމުން ދިވެހިން ހަމަ މަގަށް އިސްލާހުވެ ހަގީގީ މާނައިގައި ތަހުޒީބުވާކަށް އަދިވެސް ނުވޭ ހެއްޔެވެ؟