1993 ވަނަ އަހަރު ސާރކް ގޯލްޑް ކަޕްގެ ނަމުގައި އެންމެ ފުރަތަމަ ފެށިގެން ދިޔަ ފުޓުބޯޅަ މުބާރާތަކީ މިއަދު ދެކުނު އެޝިއާގެ ޤައުމުތަކުގެ މެދުގައި ކުޅެވެމުންދާ އެންމެ ފޯރިގަދަ އެއް މުބާރާތެވެ. ޕާކިސްތާނުގެ ލާހޯރުގައި އެންމެ ފުރަތަމަ ކުޅެވުނު ސާފް ޗެންޕިއަންޝިޕްގެ ތަށި އުފުލައިލީ މި ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ފުޓުބޯޅައިގައި އަބަދުވެސް ނަންވިދަމުން އަންނަ އަހަރެމެންގެ އަވަށްޓެރި އިންޑިއާއެވެ. މާޒީގެ ފަތްފުށްތަކަށް ނަޒަރުހިންގާލާއިރު މި މުބަރާތުގެ ހިޔާލު އެންމެ ފުރަތަމަ އުފެދިގެން އައީ ދެކުނު އޭޝިއާގެ ޤައުމުތައް ގުޅުވައިލައިދިން ބައިންލްއަގުވާމީ ޖަމިއްޔާއެއް ކަމުގައިވާ ސާރކްގެ ތެރެއިންނެވެ. މި މުބާރާތުގެ މައިގަނދު އަމާޒަކަށްވީ ދެކުނު އޭޝިއާގެ ޤަމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އެކުވެރިކަން ކުޅިވަރުގެ ޒަރިއްޔާއިން އާލާކޮށް، ޑިޕްލޮމެޓިކް ގުޅުންތައް އިތަރަށް ހަރުދަނާކުރުމެވެ.
މިފަހަރުގެ މުބާރާތް ބަންގްލަދޭޝްގެ ދާކާގައި ބާވާއިރު އެންމެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އިންޑިއާއާއި ޕާކިސްތާނެވެ. އިންޑިއާއަކީ އޭޝިއާ ބައްރުގައި ފުޓުބޯޅައިގައި ރަސްކަންކުރަމުން އަންނަ ޖަޕާނާއި މެދު އިރުމަތީގެ އަރަބި ޤައުމުތަކާ އެއްވަރަށް ފައިހަމަކުރަމުން އަންނަ ކާމިޔާބު ޤައުމެކެވެ. އިންޑިއާގެ ކަމިޔާބީ އެންމެ ފާހަގަކޮށްލެވެނީ ސާފް ޗެންޕިއަންޝިޕުންނެވެ. ޖުމްލަ 9 ތަށި އުފުލައިލައި، އިންޑިއާ ވަނީ މި މުބަރާތުގެ އެންމެ ގިނަ ތަށި އުފުލައިލާފައިވާ ޤައުމުގެ ޝަރަފު ހޯދާފައެވެ. އަދި ދާދި ފަހުން އެ ޤައުމު ވަނީ ދުނިޔެވީ ފެންވަރުގައި ފުޓުބޯޅައިން އެންމެ ކުރިއަރާފައިވާ މަޝްހޫރު ބްރެޒިލްއާއި ޔުރުގުއައިއާ ވެސް އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އަނެއްކޮޅުން ޕާކިސްތާނަށް ބަލައިލާއިރު އެ ޤައުމަކީ ސާފް ޗެންޕިއަންޝިފްގެ ތައްޓަކަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން އަންނަ ހިތްވަރުގަދަ ޤައުމެކެވެ. ޕާކިސްތާނު ވަނީ މީގެ 4 ވަރަކަށް މަސް ކުރިން ރާއްޖޭގެ ގަލޮޅުދަނޑުގައި 4 ޤައުމައެކު ކުޅެވުނު ޑައިމަންޑް ޖުބިލޭ އިންޓަނޭޝަނަލް ފުޓްބޯލް ޓޯނަމެންޓްގެ ތަށި ކާމިޔާބުކޮށްފައެވެ. އެހެންކަމުން، މިފަހަރުގެ ސާފް ޗެންޕިންޝިޕުން ވެސް ޕާކިސްތާނު ރަނގަޅު ކާމިޔާބީތަކެއް ހޯދާނެކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު އިންޑިއާއިން ވަނީ 12 ވަނަ މިނެޓުގައި މިފަހަރުގެ މުބާރާތުގެ އެންމެ ފުރަތަމަ ލަނޑު ޖަހާފައެވެ. މި ލަނޑު ކާމިޔާބުކޮށްފައި ވަނީ އެ ޓީމްގެ ތަޖުރިބާކާރު ފޯރވާޑް ސުހޭލް އަހްމަދް ބަހަތްއެވެ. އަދި އޭގެ 6 ވަރަކަށް މިނެޓު ފަހުން އޭނާ ވަނީ އިތުރު ގޯލެއް ޖަހާ ފަރަގު ބޮޑުކޮށްފައެވެ. ސުހޭލް ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ، ފޯރވާޑުގައި އިސް ދައުރެއް އަދާކޮށްފައެވެ. އޭނާ ކާމިޔާބުކުރި 2 ލަނޑަކީ ވެސް ހިކުމަތާއި ބުންވަރުގެ ބޭނުންކޮށްގެން ދަނޑުމަތީގައި ދެއްކި މޮޅު ކުޅުމުގެ ނަތީޖާކަން ހަމަ ގައިމެވެ. ސުހޭލްއާއި އެއްވަރަށް މެޗުގައި ހަލުވިކަމާއެކު ކުޅެމުން އައި މަންގްލެންތަންގް ކިޕްގެން ވެސް ވަނީ މެޗުގެ 31 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހާ ފުރަތަމަ ހަފް 3-0 އިން އިންޑިއާއަށް ކާމިޔާބުކޮށްދީފައެވެ. ޖުމްލަ ގޮތެއްގައި އިންޑިއާއިން މި ހާފްގައި ދެއްކި ކުޅުމަކީ ވަރުބަލިކަމެއް ނެތި ބުންވަރާއެކު ކުޅުނު އާދަޔާހިލާފު ކުޅުމެކެވެ. އިންޑިއާގައި އެންމެ ނަން ވިދާލި މަޝްހޫރު ފޯރވާޑް ސުނިލް ޗެތްރީއާ ނުލާ ކުޅުނު މި މެޗު އެމީހުން ކާމިޔާބުކޮށްފައި ވަނީ ޗެތްރީ ފަދަ ހުނަރުވެރި ޒުވާން ކުޅުތެރިންގެ ބޭނުންކޮށްގެނެވެ. ނަމެވެސް، ޕާކިސްތާނުން މެޗުގެ ފުރަތަމަ ހާފުގައި ދެއްކި ކުޅުމަކީ ތައްޓަށް މަސައްކަތް ކުރާ ޓީމެއްގެ ފަރާތުން ފެންނަވާނެ ކުޅުމެއް ނޫން ކަމާމެދު އެއްވެސް މީހަކު ދެބަހެއް ނުވާނެއެވެ. އެ ޓީމުގެ ފަހަތުން ވަނީ އެތައް ގޯހެއް ހަދާފައެވެ. ގޯލެއް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ފަހިކޮށްދެވިފައެއް ނުވެއެވެ. އަދި މެޗުގެ 34 ވަނަ މިނެޓުގައި އިންޑާއިން ކުރި ފައުލަކާ ގުޅިގެން އެމީހުންނަށް ލިބުނު ޕެނަލްޓީ ވެސް އަމާޒުން ނެއްޓި ނާކާމިޔާބުވީއެވެ.
ފުރަތަމަ ހާފުގައި ޕާކިސްތާނަށް އެތައް މައްސަލައެއް ކުރިމަތިވީނަމަވެސް ދެވަނަ ހާފުގައި އެމީހުން ވަނީ އެ ގޯސްތައް އިސްލާހުކޮށް ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ. މިގޮތުން، ދެވެނަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގެންގުޅުނީ ޕަކިސްތާންއިންނެވެ. މިކަމުގެ ނަތިޖައެއްގެގޮތުން އެޓީމުން ވަނީ މެޗުގެ ނިމުމަކަށް ދާދި ކައިރިވެފައި އޮށްވާ 2 ލަނޑު ޖަހާ މެޗުގައި ކުރިހޯދުމަށް އޮތް އުންމީދު އާކޮށްފައެވެ. ޕަކިސްތާނަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ބޮލުން ގޯލަށް އަމަޒުކޮށްލި ބޯޅައަކުން ނަޖީބު އުއްލާއެވެ. އަދި އެޓީމުގެ ފޯރވާޑު މެކްކީލް އަބަދުﷲ އޯވާރހެޑަކުން ކާމިޔާބުކޮށްދިން ދެވަނަ ލަނޑަކީ ޕުސްކަސް އެވޯޑެއް ހައްގުވާ ފަދަ މޮޅު ނިންމުމެއް ކަމާމެދު އެކަކުވެސް ޝައްކެއް ނުކުރާނެއެވެ.
ޕާކިސްތާނުން ދެވަނަ ހަފުގައި މޮޅު ކުޅުމެއް ދެއްކިނަމަވެސް މެޗުގައި ކުރިހޯދީ 3-2 ގެ ނަތިޖާއަކުން އިންޑިއާއެވެ. ޖުމްލަގޮތެއްގައި ދެ ޓީމުން ވެސް ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި މޮޅު ކުޅުމެއް ދައްކާ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އެހެންނަމެވެސް، މި ނަތީޖާއާއެކު ޕާކިސްތާނަށް މުބާރާތުގައި ކުރިއަށް ދިއުމަށް ޓަކައި އުތުރު މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފައެވެ. މެޗުގެ ފަހު ހާފުގައި އެޓީމުން ދެއްކި ހަރުދަނާ ކުޅުން ކުރިއަށް އޮތް މެޗުތަކުގައި ވެސް ދައްކައިފިނަމަ ފައިނަލްއާ ހަމައަށް އެޓީމް ފޯރާނެކަމަށް އަންދާޒާކުރެވެއެވެ. އެނެއްކޮޅުން މި މެޗުން ލިބުނު ކާމިޔާބީއާއެކު އިންޑިއާއަށް މިވަނީ މުބާރާތުގައި ކުރިއަށް ދިއުމަށް އިތުރު ހިއްވަރަކާއި ލުއިތަކެއް ވެސް ލިބިފައެވެ. މި ދެ ޓީމުވެސް ދެން ބައްދަލުކުރަން ޖެހޭނީ ދިވެހިރާއްޖެއާއެވެ. ރާއްޖޭން މި މުބާރާތް ކާމިޔާބުކުރަން ބޭނުންނަމަ މި ދެޓީމުން ފުރަތަމަ މެޗުގައި ދެއްކި ކުޅުމުގެ ފެންވަރާއި އުސްލޫބު ދެނެގަންނާންޖެހެއެވެ.