އެދުވަހު ހިނގައިދިޔަ ހާދިސާ އެއީ އަހަރެންގެ ދިރިއުޅުމަށް އެތައް ބަދަލުތަކެއް ގެނެސްދިނުމަށް މެދުވެރިކުރުވި ޙާދިސާއެކެވެ. އަހަރެންގެ ދިރިއުޅުން އެފުށް މިފުށަށް ޖެހެން މެދުވެރިވި ސަބަބެކެވެ. އެއީ އަހަރެން މިނިވަން ދައުލަތެއްގައި ދަށުވެގެން ދިޔަ ދުވަހެކެވެ.

   މީޓިން ރޫމްގައި ތުރުތުރު   އަޅައަޅާ އިން ފިޔޮކެއްހެން އަހަރެން އިނީމެވެ. އިންތިޒާރު ކޮށްކޮށް މިހާރު އަހަރެން ފޫހި ވެއްޖެއެވެ. މއީ އަހަރެން މިތަނަށް އަންނަތާ ތިން ވަނަ ދުވަހެވެ. ކޮންމެ ދުވަހަކުވެސް އެމީހުން ޖަހަނީ އެއް ސަކަރާތެކެވެ. "ފަޒީލް މިވަގުތަކު ނޫޅުއްވާ... ފަޒީލް އިންނެވީ މީޓިން އެއްގައި... މާދަމާއަށް ބަސްދީގަތުން ލަސްކޮށްލެވުމަށް އެންގެވީ." މިފަދަ ކޮންމެވެސް ބަހަނާ އެއް ދައްކާ އަހަރެން ފޮނުވާލަނީއެވެ. ނަމަވެސް މިއަދު އެހެން ވިޔަކަ ނުދޭނަމެވެ. މިއަދު އަހަރެން މިއިނީ މިބިމުގައި ވަރުގަދައަށް ހިފަހައްޓާލައިގެންނެވެ. އެމީހުން ކޮންމެ އެއްޗެއް ބުންޏަސް މިއަދު އަހަރެން މިތަނުން ނުކުންނާނީ ފަޒީލާއި ބައްދަލު ކުރުމަށް ފަހުގައެވެ. ސަބަބަކީ، މި ބައްދަލުވުމަކީ އަހަރެމެންގެ ނޫހަށް ވަރަށް މުހިއްމު ބައްދަލުވުމަކަށް ވާތީއެވެ. އަހަރެމެންގެ ނޫހަށް ރާޅު ބޮޑުވެ ކަނޑު ގަދަވެގެން އުޅޭތާ ދެ ހަނދުމަސް ވީއެވެ. ވަރަށް ހާލުން ނަމަވެސް ފަޒީލް ފަދަ ސަރުކާރުގެ މަތީ މަގާމެއްގައި އިންނެވި ބޭފުޅެއްގެ ބަސްދީގަތުމެއް ލިބުމީ އަހަރެމެންގެ ނޫހަށް އެރި އައު އިރެކެވެ. އެހެން ކަމުން މިއަދު މިކަންތައް ނުނިންމާ ނުދިއުމަށް އަހަރެންގެ ހިތް ނިންމައިފިއެވެ.

   ހިޔާލުތަކަށް ގެނބިފައި އިންދާ ދޮރު ހުޅުވާ މީޓިން ރޫމަށް ވަނީ ފަޒީލް ނޫން ދެވަނަ މީހެއް ނޫނެވެ. އެހާ ގިނަ އިރު އިންތިޒާރު ކުރަން ޖެހުނީތީ މަޢާފު ކުރާށޭ ކިޔައި އޭނާ ގޮނޑީގައި އިށީނެވެ. އަދި އިންޓަރވިއު އަވަހަށް ފެށުމަށް އެންގެވިއެވެ. މާކަށް ގިނަ އިރެއް ނުވެ އިތުރު މީހަކު އެތަނަށް ވަނެވެ. އަދި މަޑު މަޑުން ފަޒީލްގެ ކަންފަތް ބުޑުގައި އެއްޗެކޭ ބުންޏެވެ. އަވަސް އަވަހަށް ތެދުވެ ފަޒީލް އަހަރެންނާއި ވާހަކަ ދެއްކި އެވެ. "ލަޔާން... ވަރަށް ބިޒީ ވަގުތަކާ ތި ދިމާވީ. އަހަރެންނަކަށް މިގަޑީ ވަގުތެއް ނެތް. މިކަންތައް މާދަމާއަށް ފަސްކޮށްލިއްޔާ ކިހިނެއްވާނެ؟" އަހަރެން ދެ ކަންފަތުން ދުން އެރި ކަހަލައެވެ. އަހަރެން މިއުޅެނީ ވަގުތު ގިނަ ވެގެން ހެއްޔެވެ؟ ނަމަވެސް ވަރަށް ހިނިތުންވެލާ، މަނިކުފާނަށް ފަސޭހަ ވަގުތެއް މަށަށް ރަނގަޅުވާނެކަމަށް ބުނެ އަހަރެން ވެސް ފަޒީލާއެކު އެތަނުން ނިކުތީމެވެ. ފަޒީލް އެތާ ކައިރީގައި ހުރި އެހެން ކޮޓަރިއަކަށް ވަނެވެ. އެވަގުތު ބަޔަކު ވަރަށް ހޫނު ވާހަކައެއް ދައްކާ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ.

   "ފުލުހުން މިހާރުވެސް މަގޭ ބޯ ކޮށާ އެބަ. ވަރަށް ގިނަ މީހުންނަށް އެނގެޔޭ މިކަންތައް ގަނޑުގެ ވާހަކަ. މި މައްސަލައަށް ހައްލެއް ގެންނަންޖެހޭ ފަޒީލް. އެހެން ނޫނީ މިކަމުގައި ކަލޭވެސް ބެދޭނެ."  އެމީހަކު ވާހަކަ ދެއްކިއެވެ. އަހަރެން އަވަސް އަވަހަށް އެއޮފީހުން ނިކުތީމެވެ. އޭނާ އެދައްކަނީ ކޮން ކަންތައްގަނޑެއްގެ ވާހަކައެއް ބާއޭ ހިތައި ގެއަށް ގޮސް މީސްމީޑިއާގެ އަޑިއަށް ފީނާލީމެވެ. ޓުވިޓަރ އާއި ފޭސްބުކާއި ހުރިއްޔަ ހުރި އެއްޗެއްގައި ފަޒީލްގެ ނަން އިނިއްޔާ ހާވައި ނެގީމެވެ. ކަމަކުދާކަށް ނެތެވެ. ފަޒީލްގެ ކުންފުނިން މަސްތުވާތަކެތި ވިއްކާ މައްސަލަތަކުގެ ވާހަކަ ނޫން އެއްޗެއް ނެތެވެ. ކުރީ ރޭވެސް ވަނީ ފަޒީލްގެ ކުންފުންޏަށް ނިސްބަތްވާ ޕިކަޕަކުން 5 ކިލޯއަށްވުރެ ގިނަ ޕާޓީ ޑްރަގްސް އަތުލާފައެވެ. ނަމަވެސް މިތަނުގައި ކުށްވެރިވީ އެ ޕިކަޕު ދުއްވަން އިން ބިދޭސީ މީހާއެވެ.

    މި މައްސަލަ އަދި މިހާތަނަށް ސާބިތުވެފައެއް ނެތެވެ. މިއީ އަހަރެމެންގެ ނޫހަށް ލިބުނު ރަނުގެ ފުރުސަތޭ ހިތައި އަހަރެން ފަޒީލަށް ފާރަލާން ނިންމީމެވެ. އާދައިގެ މީހެއްގެ އިސްކޮޅުން ދެގުނައަށް އަޅާފައި ހުރި، ފަޒީލްގެ ގޭގެ އުސް ފާރުގެ ކައިރީގައި އަހަރެން ސައިކަލުގައި މަޑުކޮށްލީމެވެ. އެތާނގައި 2 ގަޑިއިރެއް ހާއިރު ވީ ފަހުން، މެންދަމު 2 ޖަހަނިކޮށް ފަޒީލް އެގެއިން ނުކުތެވެ. ގޭ ކައިރީގައި ޕާކު ކޮށްފައި އޮތް، ފަޒީލްގެ މާސޭޑީސް ބެންޒް ކާރަށް އަރައި ދުއްވައިލިއެވެ. އަހަރެންވެސް އެ ކާރު ފަހަތުން ދުއްވައިލީމެވެ. އެކާރު ހުއްޓުނީ މާލޭ ދެކުނު ފަރާތު ބަނދަރު ކައިރީގައި ހުރި ގެއެއްގެ ކުރިމައްޗަށެވެ. އަހަރެންވެސް ސައިކަލުން ފައިބައި އެތަނަށް ބޯ އަރުވައިލީމެވެ. އަސްތާއެވެ! މިއީ މަސްތުވާތަކެތީގެ މުއާމަލާތް ކުރާ ހާއްޔެކެވެ. ނޫހަށް ފޮޓޯ ކޮޅެއް ނަގައި އަވަސް އަވަހަށް ނިކުންނަން ދިޔަ ވަގުތު ބިންމަތީގައި އޮތް ޓިނުގަނޑަކަށް އަހަރެންނަށް އެރުނެވެ. ބޯޖެހިތާ ނަގޫ ޖަހައި ދުއްވައިގަންނަން އުޅުން ބޮނޑީގައި މީހަކު އަހަރެންގެ ކަޅު ކުލައިގެ ޓީޝާޓުގައި ހިފިއެވެ. ކަމަކު ދާކަށް ނެތެވެ. އެއީ ފަޒީލްއެވެ. ފަޒީލްއާއެކު އޭނާގެ ބައިވެރިން އަހަރެންގެ ގައިގައި ތަޅައިގަތެވެ. އެތަނުގައި އެރޭ ހިނގި އެއްވެސް ވާހަކައެއް އެއްވެސް މީހަކަށް އަންގައިފިނަމަ އަހަރެން މަރައިލާނެ ކަމަށް ބުންޏެވެ.       އެރޭ އަހަރެންގެ ހިތް ފިސްފިސްވިއެވެ. މިހާރު އަހަރެން އައިސީޔޫގައި އޮންނަތާ 2 ހަފްތާ ވީއެވެ. އަދިވެސް އަހަންނަކަށް އެ އަނިޔާތަކުން އަރައެއް ނުގަނެވެއެވެ. އަހަރެންގެ ދެފައި އޮތްކަން އެކަންޏެވެ. އެއިން އެއްވެސް ބޭނުމެއް އަހަންނަކަށް މިހާރު ނުކުރެވެއެވެ. އަހަރެން އުމުރު ދުވަހު ބަންދުގައި އޮންނަން ޖެހުނު އިރު ފަޒީލަކީ އަދިވެސް މިނިވަނެކެވެ. މިއީ އަހަރެމެން މިބުނާ މިނިވަން ދިވެހި ރާއްޖެ ބާއެވެ؟ ކޮރަޕްޝަނާއި ރިޝްވަތަށް ޣަރަގުވެފައި އޮތް ތަނެއްގައި އަހަރެމެން ފަދަ އާދައިގެ މީހުންނަށް މިނިވަންކަމުގެ މީރު ވަސް ދުވަހަކުވެސް ނުދުވާނެއެވެ.