ޓެކްނޮލޮޖީ ނުވަތަ ފައްނިއްޔާތަކީ، ވިހަގަދަ ހަތިޔާރަކަށްވުރެ ވެސް ނުރައްކާތެރި އެއްޗެކެވެ. އެއީ ކީއްވެގެންތޯއެވެ؟ ފައްނިއްޔާތުގެ ވަޞީލަތްތައް ބޭނުންކުރެވޭ ގޮތުގެ ސަބަބުންނެވެ. މިއަދު މުޅި ދުނިޔެ މި ވަނީ ފައްނިއްޔާތުގެ ބާރުގެ ދަށުގައި "ހައްޔަރު" ވެފައެވެ. އަޅާ ކޮންމެ ފިޔަވަޅަކާއި ލާ ކޮންމެ ނޭވާއަކާ ގުޅިލާމެހިފައިވާ އެއްޗަކަށް ވެފައެވެ. މިފަދަ މުހިންމު ވަޞީލަތެއް، ވިހަގަދަ ހަތިޔާރެއް ފަދަ އެއްޗަކަށް ވެފައިވާކަމީ އެއާމެދު ފިކުރު ހިންގަންޖެހޭ ކަމެކެވެ. ޚާއްޞަކޮށް ޒުވާނުން މިކަމަށް ދޭންޖެހޭ ސަމާލުކަން ވަކިން ބޮޑެވެ. ސަބަބަކީ މީގެ ސަބަބުން ޒުވާނުންނަށް ކުރާ ނޭދެވޭ އަސަރު ބޮޑުވީމައެވެ. ކަންމިހެން ހުރިއިރު ފައްނިއްޔާތު ބޭނުންކުރެވޭ ގޮތުގެ ސަބަބުން، އަދުގެ ޒުވާނުންނަށް ތަފާތު އެކި ގެއްލުންތައް ދަނީ ކުރިމަރިވަމުންނެވެ.
އިންޓަނެޓަކީ ދުނިޔޭގައި ލެއްވި ހުރިހާ ރަހައެއް އޭގައި ޖެހިފައިވާ މަންސައެކެވެ. އެކި ކަންކޮޅުތަކުގެ ސަޤާފަތާއި ދީނާއި އާދަކާދަތައް ރަމްޒުކޮށްދޭ ތަނެކެވެ. ތަފާތު ވިއުގަތަކާއި މުނިފޫހި ފިލުވުމުގެ ޕްރޮގްރާމްތަކާއި ފިލްމުތަކާއި ސީރީސްތައް ބެލުމުގެ ސަބަބުން އަދުގެ ޒުވާނުންގެ ކިބައިގައި ވަނީ ދެކުނު ޤައުމުތަކުގެ އާދަތައް ހަރުލާފައެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި ކްލަބްތަކާއި ޕާޓީތަކަށް ދިޔުމާއި އައުރަ ނިވާނުވާ ހެދުން އެޅުން ފަދަ، އަހަރެމެންގެ ދީނާ ބީރަށްޓެހި އެތައް ކަމެއް ވަނީ އާއްމުވެފައެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން މީހާގެ ނަފްސު ޣާފިލް ކަމުގެ ތެރެއަށް ޣަރަގު ވެގެންދެއެވެ. އަދި ދީނުގައި އަމުރު ކުރައްވާފައިވާ އަޅުކަންތަކަށް ފުރަގަސް ދެވެއެވެ. އެހެންކަމުން، ޓެކްނޮލޮޖީގެ ސަބަބުން އަދުގެ ޖީލުގެ ކުދިންގެ އީމާންކަމާއި އަޤީދާ ބަލިކަށިވާކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
ލިބިފައިވާ އަގުހުރި ވަގުތުތައް، ބޭކާރު ވަގުތު ތަކެއްގެ ގޮތުގައި ބީވެގެން ދިޔުމަކީ ވެސް ޓެކްނޮލޮޖީގެ ސަބަބުން އަދުގެ ޒުވާނުން ތަޖުރިބާ ކުރަމުންދާ ކަމެކެވެ. ފައްނިއްޔާތުގެ ދަންތުރާގައި ޖެހި، އެއާއެކު ވަގުތު އިސްރާފުކުރުން މި ވަނީ ހައްދުން ނައްޓާފައެވެ. ދުނިޔެއާއި އަޚިރަތަށްޓަކައި ކުރާން ހުރި އެތައް ކަމެއް ދޫކޮށްލާފައި، ފައްނިއްޔާތުގެ އެކިއެކި ވަޞީލަތްތަކުގެ އަޅުންނަށްވެ ތިބެ، ވަގުތުތައް ބަރުބާދު ކުރަމުން ގެންދަނީ ޚިޔާލެއް ފިކުރެއް ނެތިއެވެ. އެކި ގޭމުތައް ކުޅުމާއި މޫވީސްތައް ބެލުމާއި ޗެޓުކުރުމުގައެވެ. އިންޓަނެޓްގެ އެކިއެކި ވެބްސައިޓްތަކާއި އޮޅިތައް ހޭވުމުގައެވެ. ދިރިއުޅުމުގެ މަސްއޫލިއްޔަތުތަކަށާއި ދީނީ ފަރުޟުތަކަށް ލޯ މަރައިލައިގެން ތިބެއެވެ. ވީމާ، ލިބިފައިވާ މުހިންމު ވަގުތުކޮޅު ބޭކާރުވެގެން ދިޔުމަކީ ފައްނިއްޔާތުގެ ސަބަބުން ޒުވާނުންނަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.
ބުއްދި ސަލާމަތުން ހުރި އެއްވެސް އިންސާނަކު އޭނާގެ އަބުރު ފައިދަށުވާކަށް ނޭދޭނެއެވެ. އެހެންނަމަވެސް، ފައްނިއްޔާތުގެ މޫތައް މުޖުތަމަޢުގެ ހަފަރާތަށް ފެތުރި، ޒުވާނުން ހުވަފެނީ އާލަމެއްގައި ބައިތިއްބާ، އެބައިމީހުންގެ އަބުރު ކަތިލަމުންދާކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެވެ. އެގޮތުން، ވިސްނާ ނުލައި މީސްމިޑިއާގެ ވިއުގަތަކުގައި އެޅޭ ކަތި ފިޔަވަޅެއްގެ ސަބަބުން، ފަޟީހަތްވީ ކިތައް ޒުވާނުން ހެއްޔެވެ؟ އަނެކާގެ އިއްޒަތާއި އަގު ވައްޓާލުމުގެ ޤަޞްދުގައި ޙަޤީޤަތެއް ނެތް ވާހަކަތައް ފަތުރަމުން ގެންދަނީ ކިތައް ޒުވާނުން ހެއްޔެވެ؟ އަދުގެ މުޖުތަމައުގައި މިފަދަ އަޑުތައް ގިނަވެ މީހުންގެ އަބުރާއި ޢިއްޒަތް ފުނޑު ފުނޑުވެ އާއިލާތައް ރޫޅޭ ހިސާބަށް ދާތަން ފެނުމަކީ މި ކަމުގެ ސާފު ހެއްކެކެވެ. އެހެންކަމުން، އަބުރު ގެއްލި އަނެކުންގެ ކުރިމަތީގައި ތިބާ ފަޟީހަތްވުމަކީ ޓެކްނޮލްޖީގެ ސަބަބުން ޒުވާނުންނަށް ކުރިމަތިވަމުންދާ ނުރައްކަލެކެވެ.
ޓެކްނޮލޮޖީ ވަސީލަތްތަކުގެ މަދަދާއެކު އުފައްދާފައިވާ މުނިފޫހި ފިލުވުމުގެ ގިނަ ބާވަތްތަކަކީ ޒުވާނުންގެ ޞިއްޙަތަށް ހުރަސްއަޅާ ބާވަތްތަކެކެވެ. މި ތަކެތި ދުނިޔެއަށް ނޭވާލުމާއެކު، އޭގެ އަވާގައި ޖެހި އެކަމުގައި ރެއާއި ދުވާލު އެކަމުގައި އެތައް ވަގުތެއް ހޭދަކުރެއެވެ. ސިއްހީ ދުޅަހެޔޮކަމަށް ފަރުވާލެއް ނެތިއެވެ. ނަތީޖާއަކީ ބަލިމަޑުކަމެއްގެ ޝިކާރައަށް ޒުވާން ޖީލު ވުމެވެ. އެގޮތުން ލޮލުގެ ބަލިތަކާއި ލޭ މައްޗަށް ދިޔުން ފަދަ ބަލިތަކާ ހަނގުރާމަ ކުރަމުންދާ ޒުވާނުންގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެހެންކަމުން ފައްނިއްޔާތުގެ ބޭނުން ހިފޭ ގޮތުގެ ސަބަބުން ހެލިފެލިވެ އުޅުމަށް ހުރަސްއެޅި، ޒުވާނުންނަށް ވަނީ ތަފާތު ބަލިމަޑުމާ ކުރިމަތިލާން ޖެހިފައެވެ.
ކާބަފައިންގެ ޒަމާނުގައި ދިވެހި ޒުވާނުންނަކީ ޚުލްޤުހެޔޮ ގޮތްފޮތް ހުރި ބައެކެވެ. އެހެންނަމަވެސް، މިއަދު ފެނިގެންދަނީ އަޚްލާގުގެ ކުލައެއް ރަހައެއް ޖެހިފައި ނެތް ޒުވާނުންތަކެކެވެ. މަގުމަތީގެ އަދަބުތަކަށާއި މައިންބަފައިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ޤަދަރު ކުރުމެއް ނެތެވެ. ކުށްތަކަށް އަރައިގަތުން ވަނީ ޒަމާނީ މޮޅު ކަމަކަށް ވެފައެވެ. މިފަދަ ބަދަލުތަކުގެ އަސްލަކީ ކޮބާ ހެއްޔެވެ؟ ހުޅަނގުގެ މީހުންގެ ބޭއަދަބީ އުޅުމާއި ބަސްމަގު އިންޓަނެޓްގެ މަގުން އަޅުގަނޑުމެންގެ ކޮޓަރިތަކާ ހަމައަށް އައުމުން، އެ ގޮތް ކަމުގޮސް ، އެ ގޮތަށް އުޅެންފެށެނީއެވެ. ފައްނިއްޔާތުގެ ސަބަބުން ޒުވާނުންގެ ކިބައިގައި ނޭދެވޭ ސިފަތައް އަށަގަތުމަކީ ވެސް އެބައި މީހުންނަށް ލިބެމުން އަންނަ ނުހަނު ބޮޑު ހިތާމައެކެވެ.
ޝައްކެއްނެތެވެ! ފައްނިއްޔާތުގެ ސަބަބުން އަދުގެ ޒުވާނުންނަށް އަންނަނީ ތަފާތު އެތައް ގެއްލުންތައް ލިބެމުންނެވެ. އެގޮތުން ޒުވާނުންގެ ހިތުގައި ބިންވަޅުނެގިފައިވާ އިސްލާމީ ޢަޤީދާގެ ބިނާ ފުނޑުފުނޑުވުމުގެ ބިރާ ކުރިމަތިވެ، ދުޅަހެޔޮކަން ހަށިން ބީވެދިޔުމުގެ ބަދުނަސީބު ޙާލަތްތައް ވަނީ ތަޖުރިބާ ކުރަން ޖެހިފައެވެ. ނޭދެވޭ ސިފަތަކުން ނަފުސު ކަޅުވެ، ޣާފިލްކަމުގެ ނިދީގައި ތިއްބާ އަބުރާއި ޢިއްޒަތް ވެއްޔާ މޮޑެވިދިޔުމުގެ ހިތިރަހަ ވަނީ ކަރުގައި ލާފައެވެ. ވީމާ، މުޅި ދުނިޔެ އެ އެއްޗަކަށް ބަރޯސާވެފައިވާ ޓެކްނޮލޮޖީގެ މަންފާ ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓާލާ، އަމިއްލަ ނަފްސަށާއި އަނެކުންނަށް ފައިދާހުރި ކަންކަން ކުރުމަށް ކޮންމެ ޒުވާނަކު ވެސް ސަމާލުކަން ދެމާތޯއެވެ!
ފާތިމަތު ލީޝާ އަޒްމީލް
ޚިޔާލު (0)
ޚިޔާލެއް ދޫކޮށްލާ