ޙަމްދު ތާރީފާ ސަނާ މަތިވެރި އިލާހަށް ދަންނަވަން
ކައު ނަބިއްޔާ ސާހިބަށް ޞަލަވާތް ސަލާމް ވެދުންކުރަން
އަޞްޙާބުނާ އަދި އާލުނަށް ޝާމިލްކުރަން ޞަލަވާތުގައި
ވަސްމީރުވީ ހުވަނދުން ސަލާމް ފޮނުވާލަނީ ޅެން ބަސްތަކުން
މި ދަންފަޅީގެ ޝަރަފްވެރި މެޙްމާން، ސުކޫލުގެ ޕްރިންސިޕަލް، ލީޑިންގ ޓީޗަރުން، އިންސާފުވެރި ފަނޑިޔާރުން، ހަހުރަވެތި މުދައްރިސުން، ލޮބުވެތި ބެލެނިވެރިން އަދި އަޅުގަނޑާއެކު މި މުބަރާތުގައި ވާދަކުރާ އެންމެހައި ބައިވެރިން. އައްސަލާމު އަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.
އިންޑިޔާ ކަނޑުގައި ސާލެއްހެން އެތުރިފައިވާ މި ކުޑަ ޖަޒީރާ ޤައުމަކީ ވަރަށް ވެސް މުއްސަނދި ތާރީޚަކާއި ޡަޤާފަތެއް އޮތް ޤައުމެއް. މި ޤައުމުގެ ތާރީޚާއި ސަގާފަތް ދިރުވައި އާލާކުރުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް ޒިންމާއެއް. އާދެ! މިއަދު އަޅުގަނޑު ވާހަކަދައްކަން ގަސްތުކުރާ މަޢުޟޫއަކީ "ދިވެހި ތާރީޚާއި ސަގާފަތް ދިރުވަން ޖެހެނީ..." މި މަޢުޟޫ.
ދިވެހިންނަކީ މުއްސަނދި ތާރީޚަކާއި ސަގާފަތެއް އޮތް ބައެއްކަމަށް ތިޔަކުދިން ގަބޫލުކުރަންތަ؟ ތިޔަ ހީކުރީ ހަމަ ރަނަގަޅަށް. ލިޔެފައިވާ ދިގު ތާރީޚެއް ނެތް ނަމަވެސް ދިވެހިންނަކީ ޤަދީމީ ތާރީޚެއް އޮތް މިނިވަން ބައެއް. ދިވެހިންގެ ތެރެއިން ފެންނާން ހުރި ގަދީމީ އާސާރުތަކުންނާއި މީސްމީހުންގެ ދޫދޫމަތިން ދެކެވެމުން އައިސްފައިވާ ވާހަކަތަކަށް ބަލާއިރު، ދިވެހި ތާރީޚު ފެށެނީ މީގެ އެތަކެއް ސަތޭކަ އަހަރު ކުރިން، ދިވެހި ފަސްގަނޑުގައި އެންމެ ފުރަތަމަ އާބާދުވި މީހުންނަކީ ފަންނުވެރި ހުނަރުވެރި ބައެއް. މިކަން ހާމަވަނީ ދިވެހި ބިމުގައި މިއަދާ ހަމައަށް ރައްކާތެރިކަމާއެކު ބެލެހެއްޓެމުންދާ ބިނާތަކުން. ދިވެހިރާއްޖޭގެ އާސާރީ ތަންތަނުގެ ގޮތުގައި ދާގަބާ، ސުޓޫޕާ، ވިހާރަ، ޕިރުވޭން، ވޭރު އަދި މަޝްހޫރު އުތީމު ގަނޑުވަރާއި މާލޭ ހުކުރިމިސްކިތާއި މި ނޫން ވެސް މިފަދަ ކިތަންމެ ތަންތަނެއް ހިމެނޭ.
އާދެ! ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތް އުވުނަ ނުދިނުމަށް ކުރެވިދާނެ ބައިވަރު ކަންތައްތައް އެބަހުރި. އޭގެތެރޭގައި ދިވެހިންގެ މެދުގައި ތާރީޚާއި ސަގާފަތަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގިދާނެ. މިގޮތުން، ސުކޫލް ދަރިވަރުންގެ ހައުސްތަކުގެ މެދުގައި އެކިކަހަލަ މުބާރާތްތައް ބޭއްވުމަކީ ދަރިވަރުން ތާރީޚާއި ސަގާފަތަށް ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމެއްކަމުގައި ޤަބޫލޫކުރެވޭ. ހަމައެއާއެކު ޒުވާނުންގެ މެދުގައި ވެސް ރަށުފެންވަރުގައި ތާރީޚާއި ސަގާފަތް ދިރުވައި އާލާކުރުމަށް ޓަކައި ބަހުސާއި ވާހަކަދެއްކުމުގެ މުބާރާތްތައް ބޭއްވުމަކީ މުހިއްމުކަމެއް. މީގެއިތުރުން، ދިވެހި ތާރިޚާއި ސަގާފަތް ރަމްޒުކޮށްދޭ ތަންތަން ހިމާޔަތް ކުރުމަކީ ވެސް ވަރަށް ބޭނުންތެރިކަމެއް. ސަބަބަކީ އަންނަން އޮތް ޖިލުތަކަށް ވެސް ދިވެހި ތާރީޚާއި ސަގާފަތް ރަނގަޅަށް ފޯރުކޮށްދެވޭނީ މިއަދު އެތަންތަން ހިމާޔަތްކޮށްގެން ކަމަށް ވާތީ.
އާދެ! އަޅުގަނޑުމެން ކާބަފައިން ގައުމަށް ޓަކައި ވި ޤުރުބާނީގެ އަގު ވަޒަންކުރެވޭނީ ކިހިނެއްތޯ؟ ޝައްކެއް ވަސްވާހެއް ވެސް ނެތް. ކާބަފައިން ކޮށްފައިވާ އަގުހުރި މަސައްކަތްތައް އެންމެ އެދެވޭ ގޮތުގައި ރައްކާކޮށް އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް. އެހެން ނޫންތޯ؟ އާދެ! އިހުޒަމާނުގައި ކާބަފައިން ލިޔެފައިވާ ފަތްފުއްތަކާއި އޭގައިވާ މައުލޫމާތު ދެނެގަނެ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއް. މިއަދު، އަޅުގަނޑުމެންނަށް އިސްލާމް ދީނާއި މިނިވަންކަން ރާއްޖޭގައި ފެތުރިގެން ދިޔަގޮތް އެނގިގެން މިދަނީ އެދުވަހު ކާބަފައިން ކޮށްފައިވާ ބުރަ މަސައްކަތްތަކުގެ ސަބަބުން. އެހެންކަމުން، ކާބަފައިންގެ އަގު ވަޒަންކުރުމަށް ޓަކައި ވެސް ދިވެހި ތާރީޚާއި ސަގާފަތް ދިރުވުމަކީ ވަރަށް މުހިއްމު ކަމެއް.
އާދެ! ދިވެހި ތާރީޚާއި ސަގާފަތް ދިރުވަންޖެހޭ ބައިވަރު ސަބަބުތައް އެބަހުރި. މިގޮތުން، އިސްވެ ބަޔާންކުރެވުނު ކަންކަމަށް ބަލާއިރު، ދިވެހިންނަކީ މުއްސަނދި ތާރީޚަކާއި ސަގާފަތެއް އޮތް ޤައުމެއް. ހަމައެއާއެކު ދިވެހި ތާރީޚާއި ސަގާފަތް އުވުނަ ނުދިނުމަށް ކާބަފައިން ޤައުމަށް ޓަކައި ވި ޤުރުބާނީގެ އަގު ވަޒަންކޮށް ތަރިކަތަކާއި އާސާރުތައް ހިމާޔަތްކުރަން ޖެހޭ. އަޅުގަނޑުގެ އިލްތިމާސަކީ ތިޔައިން ކޮންމެ ބޭފުޅަކީ ވެސް، ކޮންމެ ކުއްޖަކީ ވެސް ދިވެހި ތާރީޚާއި ސަގާފަތް ދިރުވައި އާލާކޮށް އުވުނަ ނުދިނުމަށް ކުރެވިދާނެ އެންމެހައި ކަމެއް ކުރަމުންދާ ބަޔަކު ކަމުގައި ވަމާ ހިނގާށޭ. މާތް ﷲ އަޅުގަނޑުމެންގެ ޤައުމަށް އުފާ ފާގަތިކަން މިންވަރުކުރައްވާށި. އާމީން! ވައްސަލާމު ޢަލައިކުމް.
ޚިޔާލު (0)
ޚިޔާލެއް ދޫކޮށްލާ