ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ވޭތުވެދިޔަ ދިރާސީ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ "ޕާލް ނައިޓް" ގެ ނަމުގައި ވަރަށް ކުލަގަދަ އަދި ފުރިހަމަ ރަސްމިއްޔާތަކާއެކު ބާއްވައިފިއެވެ.
މި ހަފްލާ ބާއްވާފައިވަނީ ސެޕްޓެމްބަރު މަހުގެ 24 ވީ ބުރާސްފަތި ދުވަހުގެ ރޭގަނޑު އެ ސްކޫލުގެ ހޯލުގައެވެ. މި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓްގެ ޕާމިނެންޓް ސެކްރެޓަރީ އަލްފާޟިލް ޝިފާޒް މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ރަށުގެ އެކި މުއައްސަސާތަކުގެ އިސް ވެރިންނާއި، އަވައްޓެރި ސުކޫލްތަކުގެ ޕްރިންސިޕަލުންނާއި، ސްކޫލުގެ މެނޭޖްމަންޓާއި، މުދައްރިސުންނާއި، ގިނަ އަދަދެއްގެ ބެލެނިވެރިންގެ އިތުރުން ދަރިވަރުން ބައިވެރިވެފައިވެއެވެ.
މި ޖަލްސާގައި ވޭތުވެދިޔަ ދިރާސީ އަހަރު އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ދަރިވަރުންނަށް ވަނީ އިނާމާއި ހަނދާނީ ލިޔުން އަރުވާފައެވެ. އެގޮތުން، 2024-2025 ވަނަ އަހަރުގެ ދިރާސީ އަހަރުގެ އެންމެ މަތީ ޝަރަފުވެރި ވަނަ، ބެސްޓް އޯލް ރައުންޑްގެ މަޤާމު ސާނަވީ ބައިން ހޯދީ ގްރޭޑް 10 އޭ ގެ ދަރިވަރު ރަސްލާން ޢަބްދުއްރައްޒާޤް ޢީސާއެވެ. އަދި މަތީ ސާނަވީ ބައިން ބެސްޓް އޯލް ރައުންޑްގެ ފަޚުރުވެރި މަގާމު ހާސިލުކުރީ ގްރޭޑް 12 އޭ ގެ ދަރިވަރު ޢާއިޝަތު ލައިޝާ އަޒްމީލެވެ.
މި ޝަރަފުވެރި ވަނަ ހާސިލުކުރުމަށްފަހު ޖަލްސާއާ މުޚާޠަބުކޮށް ވާހަކަދައްކަމުން ލައިޝާ ވަނީ، މިފަދަ ބޮޑު ކާމިޔާބީއަކާ ހަމައަށް ވާސިލުވުމުގައި ލޯބިވާ އާއިލާ އަދި ސްކޫލުގެ ވެރިންނާއި މުދައްރިސުން ކޮށްދެއްވި ބުރަ އަދި އިޚްލާޞްތެރި މަސައްކަތްތައް ފާހަގަކޮށް، ހިތުގެ އަޑިން ޝުކުރު އަދާކޮށްފައެވެ. މީގެއިތުރުން، ދިރިއުޅުމުގައި ކާމިޔާބީއާ ހަމައަށް ދިއުމަށްޓަކައި ކުރިމަތިވާ ގޮންޖެހުންތަކާއެކުވެސް ހިތްވަރު އެލުވާނުލައި، ނުގުޑާ ފަދަ ޢަޒުމަކާއެކު ގަދައަޅައި މަސައްކަތްކުރުމަށް ހުރިހާ ދަރިވަރުންނަށް ލައިޝާ ވަނީ އިލްތިމާސްކޮށް، ނަސޭހަތްތެރިވެފައެވެ.
ދަރިވަރުންގެ މި ކާމިޔާބީތަކަށް މަރުޙަބާ ދަންނަވަމުން، ހަފްލާގެ ޝަރަފްވެރި މެހެމާނު، އަލްފާޟިލް ޝިފާޒް މުހައްމަދު ދެއްކެވި ވާހަކަފުޅުގައި، ދަރިވަރުންގެ ތަޢުލީމީ ޙަޔާތާ ގުޅޭގޮތުން ނުހަނު މުހިންމު ނަޞޭޙަތްތަކެއް ދެއްވިއެވެ. އެގޮތުން، ކޮންމެ ދުވަހަކުވެސް ސްކޫލަށް ޙާޟިރުވުމަކީ ކާމިޔާބީ ހާސިލުކުރުމަށްޓަކައި އެންމެ މުހިންމު އެއް ކަންތައްކަން ޝިފާޒް ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، އެކި ސަބަބުތަކާހުރެ ސްކޫލަށް ނާދެވޭ ހާލަތްތަކުގައިވެސް، އެ ދުވަހެއްގެ ފިލާވަޅުތައް ދޫކޮށްނުލައި، އެ ބައިތައް ހޯދައިގެން ނިންމުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ކްލާސްރޫމުގައި ފިލާވަޅުތައް ކުރިއަށްދާއިރު ދަރިވަރުން ސިކުނޑި ހޭލައްވާލައިގެން ތިބުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މުދައްރިސުން ނަންގަވައިދެއްވާ ފިލާވަޅުތަކަށް ފުރިހަމައަށް ސަމާލުކަންދީ، ކްލާހުގައި ހިންގޭ އެކި ހަރަކާތްތަކުގައި ހީވާގީކަމާއެކު ބައިވެރިވާންޖެހޭނެ ކަމަށް ވެސް ޝަރަފުވެރި މެހެމާނު ނަޞޭޙަތްތެރިވެވަޑައިގަތެވެ.
މި ކާމިޔާބު ހަފްލާ ނިންމާލާފައިވަނީ ސްކޫލުގެ މެނޭޖްމަންޓުގެ ފަރާތުން މި ޖަލްސާ އިންތިޒާމުކުރުމުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި އެންމެހާ މުދައްރިސުންނަށާއި، ބެލެނިވެރިންނަށް ޚާއްޞަ ޝުކުރެއް އަދާކުރުމަށްފަހުގައެވެ. އަދި ކުރިއަށް އޮތް ދިރާސީ އަހަރުގައިވެސް ދަރިވަރުން މިއަށްވުރެ ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށް މަސައްކަތްކުރުމަށް ސްކޫލުގެ ވެރިން ވަނީ ހިތްވަރު ދެއްވާފައެވެ.
ހަބަރު
ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަހަރީ އިނާމު ދިނުމުގެ ހަފްލާ "ޕާލް ނައިޓް" ކުލަގަދަކޮށް ބާއްވައިފި
ޚިޔާލު (0)
ޚިޔާލެއް ދޫކޮށްލާ