ތަހުޒީބުވެ ކުރިއަރަމުންދާ މި ދުނިޔޭގައި، އިންސާނިއްޔަތު ދިރުވުމަށް ޓަކައި އެއްވެސް މަގެއް ކޮށިފައިވޭހެއްޔެވެ؟ ވާނަމަ، މިއަދު މި ބިމުގައި ކޮންމެ ސިކުންތެއް، މިނެޓެއް، ގަޑިއިރެއް އަދި ކޮންމެ ދުވަހެއް އަމިއްލަ ފުރާނައާމެދު ޔަޤީންކަމެއް ނެތި ދިރިއުޅެމުންދާ ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި އިންސާނިއްޔަތަށް ޓަކައި ނިކުމެ އަޑު އުފުލާނެ މަގެއް އޮންނާނެކަން ކަށަވަރެވެ. އެ ތުއްތު ކުދިންނާއި އާއިލާތައް އުޅެމުންދާ އަނިޔާވެރި، ދިރުމެއްނެތް ދިރިއުޅުމުގެ ވާހަކަ، ދުނިޔޭގެ ކޮންމެ ބައްރެއްގެ ކޮންމެ ދިމާއަކުން ވެސް ޒިކުރު ކުރާނެކަން ކަށަވަރެވެ. އާނއެކެވެ. މި ދައްކަނީ ބޯމަތީގައި ނިވާވާނެ ފުރާޅެއް ނެތް، ބަނޑުހައިކަމުން މިންޖުވާނެ ކާތަކެތިންނާއި ކަރުހިއްކުން ފިލުވައިލާނެ ފެންފޮދަކުން މަޙްރޫމްވެފައިވާ އިންސާނުންތަކެއްގެ ވާހަކައެވެ. ތަޢުލީމާއި، ވަޒީފާއާއި، ސިއްޙީ ފަރުވާއި މިނިވަންކަމަކީ ފަލަސްތީނުގެ ކޮންމެ ރައްޔިތަކުވެސް ދެކެމުންދާ ފޮނި ހުފަންތަކެކެވެ. އެހެންކަމުން، ފަލަސްތީނުގެ ރައްޔިތުންނާމެދު އެތައް ލާއިންސާނީ އަމަލުތަކެއް ކޮންމެ ދުވަހަކުމެ ހިންގަމުން ދާކަމީ ދެބަސް ވެވެން ނެތް ހަޤީޤަތެކެވެ.
އެ ބިމަކަށް ފުރަތަމަ ނޭވާލައި، ފިރުކެމުން އުޅެ ބޮޑުވި، އަމިއްލަ ވަޒަންވެރި ބިމުގައި، އެއްވެސް ބިރުވެރިކަމެއްނެތި، އަމާންކަމާއި މިނިވަންކަމާއެކު މަގު މައްޗަށް ނިކުމެ އެކުގައި އުޅުމަކީ ކޮންމެ ފަރުދެއްގެ ވެސް ހައްޤެކެވެ. ނަމަވެސް ހިތާމައަކީ މި ހައްޤުތައް ފަލަސްތީނުގެ އަހުލުވެރިންގެ އަތުން ނިއުޅައިގަނެފައިވާ ކަމެވެ. އެގޮތުން ޔަހޫދީން މެދުކެނޑުމެއްނެތި ދެމުންދާ އަސްކަރީ ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން، ފަލަސްތީނުގެ %90 ގެތަކަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ. ބައެއް އިމާރާތްތައް ބިމާ ހަމަވެ ދިޔައިރު، މި ގެތަކުގައި ދިރިއުޅެމުންދިޔަ 1.9 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ އަމިއްލަ ގެތައް ދޫކޮށްލަން މަޖުބޫރުވެފައެވެ. އެއްބަޔަކު ސުކޫލްތަކާއި އިޖުތިމާއީ މަރުކަޒުތަކުގައި ވަގުތީ ގޮތުން އުޅެމުންދާއިރު، އަނެއް ބަޔަކު މަގުތަކުގައި ޓެންޓު ޖަހައި އުޅެމުންދެއެވެ. ބޯހިޔާވެހިކަމުގެ އިތުރުން ކާބޯތަކެއްޗާއި، ސާފު ފެނާއި ކަރަންޓުގެ ޚިދުމަތްތައް ވެސް ޔަހޫދީން ވަނީ ބަންދުކޮށް މެދު ކަނޑާލާފައެވެ. ދުނިޔޭގެ އެކި ޤައުމުތަކުން، ވައިގެ މަގުންނާއި، ކަނޑު މަގުންނާއި އަދި އެއްގަމުން އެހީ ފޯރުކޮށްދޭން މަސައްކަތްކުރި ނަމަވެސް އެ ހުރިހާ ދޮރުތައް ބަންދުކޮށް އިސްރާއީލުގެ އިސްތިއުމާރުގެ ދަށަށް ގެނެއެވެ. މީގެތެރޭގައި އެންމެ ފަހުން ކުރިޔަށް ގެންދެވުނު "ފްލޮޓީލާ" ގެ ބައިނަލްއަޤްވާމީ ޙަރަކާތަށް ވެސް ހުއްޓުން ގެނުވުމަށް ޓަކައި އާއްމު ރައްޔިތުން ހައްޔަރުކޮށް ބޯޓުތައް އެމީހުންގެ ބާރުގެ ދަށަށް ގެނެއެވެ. ވީމާ، އާއްމު ދިރިއުޅުމަށް ޓަކައި ބޭނުންވާ ޒަރޫރީ އެތަކެއް ކަމަކަށް ފަލަސްތީނުގެ ރައްޔިތުންވަނީ އިންތިހާއަށް ބޭނުންޖެހިފައެވެ.
"ޔުނިސެފް" އަދި "ޔުނެސްކޯ" ފަދަ ބައިނަލްއަޤްވާމީ ޖަމާއަތްތަކުން ގޮވާލާ ގޮތުގައި، ތަޢުލީމް ލިބިގަތުމަކީ ކޮންމެ އިންސާނެއްގެ ވެސް ހައްޤެކެވެ. ނަމަވެސް ޢިލްމު ހާސިލްކޮށް މަސައްކަތުގެ މައިދާނަށް ނިކުތުމުގެ ފުރުސަތު މިއަދު ފަލަސްތީނުގެ ދަރިވަރުންނަކަށް ނެތެވެ. %95 ސުކޫލްތަކަށް ގެއްލުން ލިބިފައިވާއިރު، %76 ސުކޫލްތަކަކީ ރޭވުންތެރިކަމާއެކު އިސްރާއީލުން އަސްކަރީ ހަމަލާތައް ފޮނުވާފައިވާ ސުކޫލްތަކެވެ. މީގެތެރޭގައި، ހަމައެކަނި 2024 ވަނަ އަހަރު "އަލް ސަރްދީ" އަދި "އަލް ތަބައީން" މަދަރުސާއަށް ބޮންއަޅައި، ތަޢުލީމް ފޯރުކޮށްދިނުން ހުއްޓުމަކަށް ގެނެސްފައިވެއެވެ. މިއާއެކު، ޓެކްސްޓް ފޮތްތަކާއި، ލެބޯޓްރީ ފަދަ ވަސީލަތްތަކުގެ އިތުރުން އިންޓަނެޓުގެ ޚިދުމަތް މެދުކެނޑިގެން ދިޔުމުގެ ސަބަބުން އަމިއްލަ ގެތަކުގައި ކިޔެވުމުގެ ފުރުސަތު ވެސް އިތުރަށް ހަނިވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން، އޮކްޓޯބަރު 2023 އިން ފެށިގެން، ގާތްގަނޑަކަށް 658000-625000 ދަރިވަރުންގެ ތަޢުލީމް ލިބިގަތުމުގެ ހައްޤު ގެއްލިގެން ދިޔައެވެ.
ޤައުމެއް ނުވަތަ މުޖުތަމައެއްގެ ރައްކާތެރިކަން ދަމަހައްޓައިދޭ އެންމެ އިސް އެއް މުއައްސަސާއަކީ އެތަނެއްގެ ހަސްފަތާލާއި ކްލިނިކްތަކެވެ. އޭގެ އެންމެ އަލިގަދަ ހެއްކަކީ ފަލަސްތީނު އިސްތިއުމާރު ކުރުމަށް ޓަކައި ޔަހޫދީން ފަލަސްތީނުގެ ސިއްޙީ ޚިދުމަތްތައް ހުއްޓުވުމަށް ޓަކައި ހާއްސަ ގޮތެއްގައި، އެކި ގޮތްގޮތުން މަސައްކަތްކުރުމެވެ. އެގޮތުން 2025 ވަނަ އަހަރުގެ ކުރީކޮޅު ކުރެވުނު ދިރާސާތަކުން އެނގިގެން ދިޔަގޮތުގައި، %47 ހަސްފަތާލަށް ހަމަލާދީ، ޚިދުމަތް ފޯރުކޮށްދިނުން ހުއްޓުމަކަށް ގެނުވާފައިވާއިރު، %58 އަސާސީ ޚިދުމަތްދޭ ކްލިނިކްތައް ވެސް ވަނީ ބަންދުކޮށްފައެވެ. ބޮންއެޅުމާއި، ބަޑިޖެހުމާއި ބިރުދެއްކުން ފަދަ އަނިޔާވެރި އުކުޅުތައް ބޭނުންކޮށްގެންނެވެ. މިގޮތުން ފަލަސްތީނުގެ މައި އެއް ސިޓީ ކަމުގައިވާ ޣައްޒާގެ 36 ސިއްޙީ މަރުކަޒުތަކަކަށް އިސްރާއީލުން ވަނީ ހަމަލާދީފައެވެ. މީގެތެރޭގައި "އަލްޝިފާ" ، "ކަމަލް އަދްވާން" އަދި "ނަސީރު" ހިމެނިގެންދެއެވެ. ހަމަމިއާއެކު ބޭސްތަކާއި މެޝިނަރީތަކާއި ބޭނުންވާ ވަސީލަތްތައް އެތެރެކުރެވޭނެ މަގު ބަންދުކުރުމާ އެކީ އާއްމު ބޭސްފަރުވާއާއި ތަފާތު ސާރޖަރީތައް ކުރިޔަށް ގެންދިޔުމަށް ވަނީ ނުކުޅެދިފައެވެ. އާއްމު ރައްޔިތުންނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، ސިއްޙީ ޚިދުމަތް ފޯރުކޮށްދޭނެ އިތުރު މުވައްޒަފުންނާއި، އައު ވޯޑުތަކަށް ވަނީ އިންތިހާއަށް ބޭނުންޖެހިފައެވެ. އެހެންކަމުން، މިއަދު 800000 ފަލަސްތީނުގެ ރައްޔިތުން އަންނަނީ ފަރުވާއެއް ނެތް އެތައް ޒަހަމްތަކާއި ބަލިތައް ތަހައްމަލުކުރަމުންނެވެ.
ކޮންމެ ނަސްލެއްގެ، ކޮންމެ ދީނަކަށް ނިސްބަތްވާ ފަރާތެއް ކަމުގައި ވިނަމަވެސް، މިއަދު އެ ބަޔަކު ފަލަސްތީނުގެ ރައްޔިތުންގެ ހާލާމެދު ހިތާމަކޮށް ހަމްދަރުދީވެއެވެ. އިސްރާއީލުން ދެމުންދާ އަނިޔާތަކަށް ނިމުމެއް ގެނައުމަށް ޓަކައި ސަރުކާރާ ދެކޮޅަށް ނުކުމެ އަޑު އުފުލަމުން ގެންދެއެވެ. ތަފާތު މުޒާހަރާތަކާއި، ބޯއިކޮޓް ޙަރަކާތްތަކާއި އަދި ކެމްޕެއިންތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ. އާނއެކެވެ. ހަޤީޤަތުގައި ވެސް، މިއަދު ޅަ ޒުވާން ޖީލުގެ ހިތްތަކުގައި އަންނަނީ އިންސާނިއްޔަތުގެ ހުޅުކޮޅު ރޯވަމުންނެވެ.