ހަންހާރަވެތި އެދުރުންގެ ޝަރަފުގައި ފަހަގަކުރެވޭ އެންމެ ކުލަގަދަ މުނާސަބަތު ކަމުގައިވާ މުދައްރިސުންގެ ދުވަސް ނުވަތަ "ޓީޗާރސް ޑޭ" ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ވެސް ވަރަށް ފުރިހަމަކޮށް ފަހަގަކޮށްފިއެވެ. މުދައްރިސުންގެ ދުވަހުގެ ހާއްސަ ހަރަކާތްތައް އިންތިޒާމްކޮށްފައި ވަނީ ސުކޫލްގެ ޕީ.ޓީ.އޭއާއި ކްލަބް ރާ.އޭ.އީ.ސީއާ ގުޅިގެންނެވެ.
ދުވަހުގެ މުނާސަބަތު އެންމެ ފުރަތަމަ ފެށިގެން ދިޔައީ ހާއްސަ އެސެންބްލީއަކުންނެވެ. މި އެސެމްބްލީގައި ޕީ.ޓީ.އޭގެ ބެލެނިވެރިން ދުވަހާ ގުޅޭ ހައްސަ ލަވައެއް ހުށައަޅައިދިނެވެ. އެއަށްފަހު ޕީ.ޓީ.އޭގެ ނައިބް ރައިސް އަހްމަދް ނާޒިމް ހާޒިރީންނާ މުޚާތަބުކޮށް ވާހަކަދެއްކިއެވެ. ނާޒިމް ވަނީ ދަރިވަރުންނަށް އުނގަންނައިދީ ތަރުބިއްޔަތު ދިނުމުގައި ޓީޗަރުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް އެކަމަށް ފަށްފަށުން ޝުކުރު އަަދާކޮށްފައެވެ. އަދި ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ މޭސްތިރީންނަކީ ޓީޗަރުންކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ. ނާޒިމްގެ ވާހަކައަށް ފަހު ދެން އެސެމްބްލީގައި ވާހަކަދެއްކީ ދަރިވަރުންގެ ފަރަތުން 11ބީގެ ދަރިވަރު އައިޝަތް ރަފާ ހަސަންއެވެ. އެސެމްބްލީގެ އެންމެ ފަހު ނަންބަރަކަށް އޮތީ ޕްރިންސިޕަލްގެ ވާހަކަދެއްކުމެވެ.
ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ޓީޗަރުންނަށް ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެވުނެވެ. އެގޮތުން، ކްލަބް ރަ.އޭ.އި.ސީއިން ވަނީ ޓީޗަރުންނަށް ހައްސަ ހެނދުނުގެ ސައެއް ތައްޔަރުކޮށްފައެވެ. އަދި ރަށުގެ އެހެނިހެން މުއައްސަސާތަކުން ވެސް އެކުވެރިކަމުގެ ޒިޔަރާތެއްކޮށް، ޓީޗަރުންނަށް ހަދިޔާ ދީފައިވެއެވެ. ހަމަ އެހެންމެ، ވަރަށް ހާއްސަ ޑިނާރ ނައިޓެއް ވެސް ކުރިއަށް ގެންދެވުނެއެވެ. މީގެ އިތުރުން، ޕިކްނިކަކާއި މަސްރޭހަކާއި ބާބަކިޔު ނައިޓެއް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ރޭވިފައެވެ.
އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ޓީޗާރސް ޑޭގެ ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މިފަދަ ހަރަކާތްތަކުގެ މަޤްސަދަކީ ޓީޗަރުން ކުރާ ބުރަ މިންނެއް މަސައްކަތް އަގުވަޒަންކޮށް، ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މުޅި މުޖުތަމައު މި ހަހުރަވެތި އެދުރުންނަށް ޝުކުރު އަދާކުރުމެވެ.