ނެތުމުގެ ތެރެއިން އުފެދިގެން އައިސް އަނދިރީގެ ތެރެއިން އަލިކަމުގެ ތެރެއަށް އަހަރެންކުރީ ވަރަށް ދިގު ދަތުރެކެވެ. އެދަތުރުގެ ނިމުންއައިސް އަހަރެން މި އަޖައިބުން ފުރިގެންވާ ދުނިޔެއަށް ލޯހުޅުވާލިއިރު ފެނުނު މަންޒަރުން އަހަރެން މުޅިން އަނަތަރީސްވިއެވެ. އަހަރެންގެ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލައި ބަލާލީމެވެ. އަހަރެން އޮތީ ފެންގަނޑެއްގެ ތެރޭގައެވެ. ވަށައިގެންވަނި ހުސް އަހަރެން ފަދަ ދިރުންތަކެވެ.
މި އުފާވެރިކަމުގައި މާކަ ގިނަ ދުވަހު ނުތިބެވުނެއެވެ. އަހަރެންގެ މުޅިދުނިޔެ އެކޮޅުކޮޅުން ޖަހާލި ފަދައެވެ. ކުރެވެމުން ދިއައީ އެހެންކަހަލަ އިޙުސާސެކެވެ. އަހަރެންގެ ވަށައިގެންވާ މާހައުލުގައި އުޅުނު ހުރިހާ އެއްޗެއް ހުއްޓުނު ކަހަލައެވެ. އަހަރެންގެ މަންމަ މި ދުނިޔެއާއި އަލްވަދާޢުކީ ޙަބަރު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އަދި އެއީ އާދައިގެ މަރެއް ނޫނެވެ! މަންމަ މަރުވީ ކޮންމެސް ދެފައިލީ ޖަނަވާރެއްގެ މަޅީގައި ޖެހިފައެވެ. މަންމަގެ އަނގައިގައި ކޮންމެވެސް އެއްޗެއް އޮތެވެ. އެ ދެފައިލީ ޖަނަވާރު ފުރަތަމަ މަންމައަށް ކޮންމެސް އެއްޗެއް ކާންދިނެވެ. އަދި މަންމަ އަހަރެމެން ދިރިއުޅޭ ފަސްގަނޑާއި ވަކިކުރިއެވެ.
ދުވަސްތައް މާޒީއެކުވަމުންދެއެވެ. އަހަރެންގެ މިކުޑަ ފުރާނަ ވެސް ބޮޑުވަމުން އާދެއެވެ. މަންމަ ނެތުމުން ވަރަށް ގިނަ އަޑިގުޑަންތައް ހުރަސްކުރާން ޖެހޭފަހަރު ވެސް އާދެއެވެ. ބައެއް ފަހަރު އިންސާނުންނޭ މިކިޔާ މިޙުންގެ އުނދަގުލެވެ. އަނެއްބައި ފަހަރު ކޮންމެވސް ގޮތް ނޭނގޭ އެހެން ދިރުމެއްގެ އުނދަގުލެވެ. ވަރަށް މަސައްކަތުން އެކަންކަމުން ސަލާމަތްވެ މިހާރު އަހަރެން މިހުރީ ފުރާ ފުރިހަމަ މީހަކަށް ވެވިފައެވެ. ނަމަވެސް އަބަދުވެސް ކަންފަތުގައި ގުގުމަ ގުގުމާފަ ހުންނަނީ އަވަށްޓެރިންގެ އެ ބިރުވެރި ވާހަކަތަކެވެ. ކުޑައިރުއްސުރެ އަހަރެންގެ އަވައްޓެރިންނާއި ގާތްތިމާގެ މީހުން ބުނަމުން ދިއައީ އެ ދެފައިލީ ޖަނަވާރުތަކާއި ފިލުމަށެވެ. އޭގެ އެއްޗެއް ފަހަތުލައިފިނަމަ މިސްރާބު ބަދަލުކޮށްލުމަށެވެ. ގާގަލަށް ވަދެ ފިލުމަށެވެ. މިހާރު އެ ދެފައިލީ ޖަނަވާރުގެ ސަބަބުން އަހަރެންގެ އާއިލާގެ ބޮޑުބައެއް މަރާ ހުސްކޮށްފިއެވެ. އެއްދުވަހަކު އިވުނީ އެމީހުން ގެއްލުނު ޚަބަރެވެ. ޖެހިގެން އައި ދުވަހު އެމީހުންގެ ފުރާނަނެތް ކަށިގަނޑުތައް ފެނަންފެށިއެވެ. ކަށިގަނޑު ފިޔަވައި އަހަރެމެން ހަށިގަނޑުގެ އެއްވެސްބައެއް އެއިން ސަރަހައްދަކުން ވެސް ފެންނާކަށްނެތެވެ. އަހަރެމެންގެ ހަށިގަނޑުގައި ހުންނަ މަސް ވެސް އެމީހުން ކައި ހުސްކޮށްފިއެވެ.
އަހަރެންގެ ހަޔާތުގެ އެންމެ ބޮޑު ނުރައްކަލާއި ހިތާމައަކީ އެދެފައިލީ ޖަނަވާރެވެ. އެއީ ރަހުމެއް ކުލުނެއް ހިތުގައި އޮންނަ ބައެއް ބާއޭ އަހަރެން ހިތައްއެރިއެވެ. އެމީހުންގެ ދަރީން ގެއްލޭން އެމީހުން ބޭނުންވާނެހެއެޔެވެ؟ އެމިހުންގެ ގާތްތިމާގެ މީހުން މަރުވާން އެމީހުން ބޭނުންވާނެ ހެއްޔެވެ؟ އެހެންވީއިރު، އަހަރެމެންވެސް އަހަރެމެންގެ އާއިލާއާއި ވަކިވާކަށް ބޭނުމެއް ނުވާނެ ނޫންހެއްޔެވެ؟ ތަނަކަށް ދިޔަޔަސް، މަގަކަށް ނުކުތަސް އަހަރެމެން ތިބެނީ ބިރުން ސިހިސިހިއެވެ. ހީވަނީ ހަމަ ދެންމެ ދެންމެ މި ދުނިޔެއާއި އަލްވަދާޢު ކިޔަން ޖެހިދާނެހެނެވެ. ކޮންމެ ކަމެއްގައި ވެސް އިންސާފު އޮންނަން ޖެހޭނެ ނޫން ހެއްޔެވެ؟ އިންސާފުވެރި ވުމަކީ ހަމަހަމަ ވުމެވެ! އެހެންކަމުން މިކަމުގައިވެސް އިންސާފުވެރި ވެދޭށެވެ! އަހަރެމެން މިނިވަން ކަމާއިއެކު އުފަލުގައި ދިރިއުޅުމުގެ ހައްޤު ދޭށެވެ!
ޚިޔާލު (0)
ޚިޔާލެއް ދޫކޮށްލާ