އަހަރެމެންގެ ވަށައިގެންވާ ވެށި ނުވަތަ އަހަރެމެން ދިރިއުޅޭ މާހައުލު ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ ވާހަކައަކީ އެންމެންވެސް ހަރުއަޑުން ބުނަމުންދާ ވާހަކަތަކެކެވެ. މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން އެކަމުގެ އަސަރު ނުފޯރާ އެއްވެސް ސަރަހައްދެއް ނުވަތަ ޤައުމެއް ދުނިޔޭގައި ނެތްކަން ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް އަސަރުކުރާ އެއް ޤައުމަށް ވެފައި ވަނީ ، މުތްތަކެއް ފަދައިން ކުދި ޖަޒީރާ ރަށްތަކެއް ގޮތަށް އެތުރިފައިވާ އަހަރެމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަށެވެ. އަހަރެމެންގެ މިރީތި ވެށިން ގުނާ އަދަދު ނުކުރެވޭހާ އެތައް ފައިދާއެއް ލިބޭ ހިނދު، މިނާޒުކު ތިމާވެށި ހަލާކުވެގެން ދިޔުމަކީ މިއަދު އަހަރެމެން އެދޭކަމެއް ނޫނެވެ. ނަމަވެސް މި ހުރިހާ ކަމެއް އެނގި ހުރެ، މިއަދު އަހަރެމެން ދިވެހިންގެ އަތުން މި ނާޒުކު ތިމާވެއްޓަށް ދެވޭ ގެއްލުންތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ނެވެ.
ދުނިޔޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުސްވުން ފަދަ ކަންކަމަކީ ރާއްޖެ ކަހަލަ ތިރި ޤައުމަކަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެވެ. މިފަދަ އެތައް ސަބަބަކާ ހުރެ ރަށްގިރުމުގެ ބޮޑެތި މައްސަލަތައް ރާއްޖެއަށް ވެސް އަންނަނީ ކުރަމުންނެވެ. ރާއްޖޭގެ ރަށްތައް ގިރުމުގެ މައްސަލަ އަކީ އެކިއެކި މާލަން ތަކުގައްޔާއި އެކިއެކި ފޯރަމް ތަކުގައި ފަތުއަޑުކިޔާފައި އަޑުހަރުކޮށް މަޝްވަރާ ކުރެވެމުންދާ މައްސަލައަކަށްވީ ހިނދު، ފެންނަން އޮތް ހަޤީޤަތަކީ މިކަންތައްތައް ޙައްލުކުރުމަށް މާބޮޑެތި ކަންތައް ތަކެއް ކުރެވިގެން ނުދާކަމެވެ. ދިވެހިންގެ އަމިއްލަ އިހްމާލުން މި ކުދިކުދި ޖަޒީރާ ރަށްތައް އެއްދުވަހުން އަނެއްދުވަހަށް ގިރަމުން ގޮސް އެތައް ދިރުމެއް ނެތިގެން ދިޔުމުގެ މައިގަނޑު ސަބަބަކީ، ރަށްރަށުގެ ގޮނޑުދޮށްތަކުން ވެލި ނެގުމާއި ، އަމިއްލަ އެދުމަށް ފަރުތަކުން ގައު ނެގުމުގެ އިތުރަށް ފަރުތަކަށް ދެމުންދާ ގެއްލުންތަކެވެ. މޫދަށް އުކާލެވޭ ތަފާތު ކުނިބުނީގެ ސަބަބުން ރީތި ފަރުތަކުގެ ދިރުންތައް ނެތިގެންގޮސް މަރުވެގެންދެއެވ. ނަތިޖާއަކަށް ވެގެންދަނީ ކަނޑުން ނަގާ މާސިންގާ ބިޔަ ރާޅުތައް އެއްވެސް ޖެހިލުމެއްނެތި ރަށުގެ ގޮނޑުދޮށްތަކަށް ދެވޭ ހަމަލާތަކުން ރަށް ސުންނާފަތިވެ ގިރަމުން ދިޔުމެވެ. މިއީ މިއަދު އަހަރެމެން ދިވެހިން ވިސްނުލާ އަމިއްލަ އުފަލަށް ކުރެވޭ ކުޑަކުޑަ ކަމަކުން ލިބޭ ގެއްލުމެކެވެ. ހަމައެހެންމެ ރާއްޖެ އަކި ދުނިޔެމަތީގެ ސުވަރުގެ ކަމަށް ދެކިގެން ރާއްޖެ އަންނަ ފަތުރުވެރީންގެ ސަބަބުން މަދުން ނަމަވެސް ފަރުތަކަށް ގެއްލުން ލިބޭކަމީ ނުހަނު ހިތާމަ ކުރަން ޖެހޭ ކަމެކެވެ. މިފަދަ އެތައް މައްސަލަ ތަކެއް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު މިކަންކަމާމެދު ވިސްނާ އަވަސް ފިޔަވަޅު ތަކެއް ނާޅާފިނަމަ ހީވެސް ނުކުރާހާ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިދާނެއެވެ. ނަމަވެސް ހިތާމަޔަކީ ތަރައްޤީގެ ހަލުވިދުވެލީގައި ތިމާވެއްޓަށް ދޭންވާ ސަމާލުކަން ނުދީ ދަތުރުކުރަމުން ދިޔުމުގެ ސަބަބުން ، އަހަރެމެންގެ ޤުދުރަތީ ވެއްޓަށް ތަފާތު ގެއްލުންތައް ލިބެމުންދާކަމެވެ.
އަހަރެމެން ނޭވާލާން ބޭނުންކުރާ ވަޔަކީ ސާފުއެއްޗަކަށް ވާން ޖެހެއެވެ. އެހެންނޫންނަމަ އެ މުޖުތަމަޢެއްގައި އުޅޭ ފަރުދުންނަށް އޭގެ އުނދަގޫ ތަކާއި ކުރިމަތި ލާންޖެހި ތަފާތު ބަލިތައް ގިނަވުމަކީ އެކަށީގެންވާ ކަމެކެވެ. އުކާލެވޭ ކުންޏާއި އެހެނިހެން ތަކެތި އަންދާ ހެދުމުގެ ޖައްވަށް ވިހަ ގޭސްތައް ދޫވެ ދުނިޔެ ހޫނުވެ ވައި ނުސާފުވުމަށް މެދުވެރިވެއެވެ. އަދި ޚާއްސަކޮށް މިއަދު އަހަރެމެންގެ ތެރޭގައި ނުކަތާ ވަރަށް ދުއްވާ އެއްޗެހި ގިނަވުމަކީ ވެސް ވައި ނުސާވުމަށް މެދުވެރިވާ ބޮޑު އެއް މައްސަލައެވެ. މިއީ އަދުގެ ސައިންސްވެރިން ވެސް ނުހަނު ކަންބޮޑުވާ މައްސަލައަކަށް ވަނީ ވެފައެވެ. އެހެނީ މިކަމުން ދިމާވާ ސިއްހީ މައްސަލަތަކެވެ. ނޭވާލުމުގެ ނިޒާމަށް ޖެހޭ ތަފާތު ބަލިތަކާއި، ދުނިޔެ ހޫނުވެ އިރުގެ ދޯދިތަކުން ކެންސަރުގެ ވާހަކައަކީ ސިއްހީ މާހިރުންނާއި ސައިންސްވެރިން ތާއަދަބު ދެމުން ގެންދާ އިންޒާރު ތަކެވެ. މިކަންކަން ހައްލުކުރުމަށް އަދުގެ ސަރުކާރުން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ގަބޫލުކުރެވެއެވެ.
ތިމާވެށިގެ މައްސަލަތަކަށް އަދިވެސް ހައްލެއް ލިބިގެން ނުދާއިރު، ދުވަހެއް ދުވަހަކަށް މައްސަލަތައް ދަނީ ދެގުނަ ބޮޑުވަމުންނެވެ. އެހެން ކަމުން މިއަދު ދެއަތް އުރާލާއިގެން މަޑުން ތިބެވެން ނެތްކަން ފެންނަމުންދާ ހަގީގަތް ތަކުން ހާމަވެގެންދެއެވެ. ހުރިހާ ދިމާލަކުން ވެސް އިވެމުންދަނީ ތިމާވެށި ރޮމުން ގިސްލަމުން ދާ ވަހަކައެވެ. ދިވެހިންގެ އަތުން މި ދިވެހި ވެއްޓަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް އެންމެން އަތުކުރި އޮޅާލަމާތޯއެވެ. ލޯބިވާ ވަޠަނަށްޓަކައި ނަމަވެސް މަސައްކަތް ކުރަމާހިނގާށެވެ. މޫދަށް އުކާލެވޭ ޕްލާސްޓިކް ފަދަ ތަކެތިން ބޭނުން ކުރެވޭ އެއްޗެއް އުފެއްދޯ މަސައްކަތް ކުރަމާ ހިނގާށެވެ.
ޚިޔާލު (0)
ޚިޔާލެއް ދޫކޮށްލާ