ދުނިޔޭގެ އެތައް ބައެއްގެ ދިރިއުޅުމުގައި ރަސްކަން ކުރަމުންދާ ސޯޝަލް މީޑިއާއަކީ އިންސާނުންގެ ދިރިއުޅުން ވިހަކޮށްލާ އެއްޗެކެވެ. 1997 ވަނަ އަހަރު އީޖާދުވެގެން ދިޔަ މި ވަސީލަތަކީ ދުނިޔޭގެ އާބާދީގެ ބޮޑު އިންސައްތައެއްގެ މީހުން ބޭނުން ހިފަމުންދާ އެއްޗެކެވެ. ގާތްގަނޑަކަށް 4.48 ބިލިއަން މީހުން ބޭނުންކުރަމުންދާ ސޯޝަލް މީޑިއާއަކީ ކުރިއަރަމުން މިދާ ދުނިޔޭގައި އެއާ ނުލައި ދިރިއުޅެން އުނދަގޫވާފަދަ އެއްޗެކެވެ. ސޯޝަލް މީޑީއާގެ ސަބަބުން އިންސާނުންގެ ދިރިއުޅުން ފަސޭހަވެ އެތަކެއް ފައިދާތަކެއް ލިބެމުންދާއިރު، ހަޤީގަތަކީ ހަމަ މިއީ ބާވައެވެ؟
ސޯޝަލް މީޑިއާއަކީ އޭގެ ޒާތުގައި ވަރަށް ބޭނުންތެރި އެއްޗެކެވެ. އެގޮތުން އެންމެ ފަހުން ދުނިޔެއަށް އައި ކޮރޯނާ ވައިރަހުގެ ސަބަބުން އެކަކު އަނެކަކާ ބައްދަލުވުން ވަނީ މަދުވެފައެވެ. އެހެންކަމުން، އެމުއްދަތުގެ ތެރޭގައި އެންމެ އެހީތެރިވި އެކައްޗަކީ ސޯޝަލް މީޑިއާއެވެ. މީގެ އިތުރުން ދުރުގައި ތިބި އާއިލާގެ މީހުންނާއި ރައްޓެހިންނަށް ބޭނުން ވަގުތަކު ޚަބަރުވެވެއެވެ. ހަމައެއާއެކު، މިޒަމާނުގައި ކޮންމެ އުމުރެއްގެ މީހަކަށްވެސް ބޭނުންކުރަން ފަސޭހަ އެއްޗެއްގެ ގޮތުގައި ސޯޝަލް މީޑިއާވެއެވެ. ނަމަވެސް މީގެ ބޭނުން ނޭދެވޭ ގޮތުގައި ހިފާ އުޅޭ މީހުންވެސް މަދެއް ނޫނެވެ.
އެއިން ލިބޭ ފައިދާތައް ގިނަ ނަމަވެސް، ސޯޝަލް މީޑިއާގެ ސަބަބުން އަނދިރި ކަމެއްގެ ތެރެއަށް ގެނބިގެންދާކަމަށް ގިނަ ބަޔަކު ސިފަކުރަނީ ސަބަބަކާ ނުލައެއް ނޫނެވެ. ނަމަވެސް މިއީ ހުރިހާ ހާލަތެއްގައި ތެދު ވާހަކައެއް ނޫނެވެ. ސޯޝަލް މީޑިއާގެ ސަބަބުން ލިބޭ ގެއްލުންތައް ގިނަވަނީ އޭގެ އަވައިގައިޖެހި ދެވި ހިފުމުންނެވެ. އެގޮތުން ކަންނެތްވުމަކީ އެކަމުން ލިބޭ ގެއްލުމެކެވެ. ހަށިގަނޑުގެ ބޭނުންހިފޭ ހަމައެކަނި ގޮތަކީ ޓައިޕް ކުރުމަށް ނުވަތަ ސްކްރީންގައި އަތްޖެއްސުމަށް އެކުރާ މަސައްކަތެވެ. މީގެ އިތިރުން، އާއިލާއާއި ރައްޓެހިންގެ ދެމެދުގައި އޮންނަ ގުޅުން ހީނަރުވާ ކަމުގައި ވަރަށް ގިނަ ރިސާރޗް ތަކުން ދައްކައެވެ. ސަބަބަކީ މީޑިއާ މެދުވެރިކޮށް އަހަރެމެންގެ ގާތް މީހުންނާ ގުޅުން ބޭއްވުނު ކަމުގައި ވިޔަސް، އެމީހުންނާ ދިމާވުމުން އެއޮންނަ "އިފެކްޓިވްނެސް" މީޑިއާ މެދުވެރިކޮށް ނޯންނާތީއެވެ. ދެން އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ، ސޯޝަލް މީޑިއާއަކީ އެކަކު އަނެކަކާ ދިމާލަށް ބަދުބަސް ބުނެ އަނެއް މީހާ ދެރަކޮށްލުމަށް އޮންނަ 'ލައިސެންސް' އެއް ކަމެވެ. މިހާރަކަށް އައިސް، ހާއްސަކޮށް ޒުވާން ފުރައިގެ ކުދިން މީޑިއާ ބޭނުންކުރަނީ ވިޔާނުދާ ކޫލް ކުއްޖާއަށް ވުމަށް އޮންނަ ވަސީލަތެއްގެ ގޮތުގައެވެ. އެގޮތުން ކްލިނިކަލް އަދި ޑިވެލޮޕްމެންޓް ސައިކޮލޮޖިސްޓެއް ކަމަށްވާ ޖޯނާ ވިކް ބުނި ގޮތުގައި، ދުވަހަކު މީހަކާ ދިމާލަށް ބުނާނެކަމަށް ހީނުކުރާ ފަދަ ބަސްބަސް މީޑިއާ މެދުވެރިކޮށް ކުދިން އަނެކާއާ ދިމާއަށް ބުނެއެވެ. މިފަދަ ކަންކަމަކީ، ހުއްޓުމެއް ނައިސް ކުރިއަށް ގޮސްފިނަމަ، ފުރާވަރު ކުދިންގެ މުސްތަޤްބަލް ބަނަކޮށްލާނެ ކަންކަމެވެ.
ސޯޝަލް މީޑީއާ ބޭނުން ކުރުމުން ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ޓަކައި ކުރެވޭނެ އެއްކަމަކީ ބައެއް ގަޑިތަކުގައި ވައިފައި ކަނޑާލުމެވެ. މިސާލަކަށް، ކިޔަވާ ކުއްޖާ ކިޔެވުމަށް ވައިފައި ބޭނުންކުރުމަށްފަހު އެހެން ގަޑިތަކުގައި ކަނޑާލާފައި ބެހެއްޓުމެވެ. މިކަން މިގޮތަށް ކުރަމުންދާނަމަ ސޯޝަލް މީޑިއާ ބޭނުންކުރެވޭ ވަގުތު މަދުވާނެއެވެ. މީގެ އިތުރުން ކުރެވޭނެ އަނެއް ކަމަކީ ނިދަން އޮންނަ ވަގުތުގައި ފޯނަށް އަންނަ ނޮޓިފިކޭޝަންތައް ކަނޑާލުމެވެ. މިގޮތަށް މިކަން ކުރަމުންދާނަމަ ވައިފައި ކަނޑާލުމުގެ އިތުރުން ކުޑަ ވަގުތު ކޮޅަކަށްވެސް ސޯޝަލް މީޑިއާގެ އަވައިގައި ޖެހުން ކުޑަވާނެއެވެ. ހަމައެއާއެކު ކުރެވޭނެ އަނެއް ކަމަކީ ރަނގަޅު ރައްޓެހިން އިޚްތިޔާރުކޮށް އެމީހުންނާއެކު ގިނަ ވަގުތު ހޭދަކުރުމެވެ. މިގޮތަށް ކަންތައްތައް ކުރަމުންދާނަމަ ސޯޝަލް މީޑިއާއިން ދުރުހެލިވެ، ޖެހޭ މައްސަލަތަކަށް ހައްލު ލިބިގެންދާނެއެވެ.
ސޯޝަލް މީޑިއާ ވަނީ އިންސާނުންގެ މުޅި ދިރިއުޅުން ބަދަލުކޮށްލާފައެވެ. އަޅުގަނޑުމެންގެ ދިރިއުޅުމަށް އެތައް ފަސޭހަތަކެއް ކޮއްދެއެވެ. އެގޮތުން ދިރިއުޅުން ކުރިއަރުވަން 21 ވަނަ ގަރުނުގައި ސޯޝަލް މީޑީއާ އަންނަނީ ވަރަށް ބޮޑަށް އެހީތެރި ވަމުންނެވެ. އެހެންނަމަވެސް ސޯޝަލް މީޑީއާގެ އަވައިގައިޖެހި، މާބޮޑަށް އެބޭނުންކުރަން ފެށުމުން ލިބޭ ގެއްލުންތަކަށް އަޅުގަނޑުމެން ސަމާލުވާން ޖެހެއެވެ. އިންސާނާއަށް ނޭނގި ނަމަވެސް އޭގެ ސަބަބުން އިންސާނާގެ ދިރިއުޅުންވެސް ހަލާކުވެގެންދާ ފަހަރުތައް މަދެއް ނޫނެވެ. ވީމާ ސޯޝަލް މީޑީއާއަކީ ބޭނުންކުރަން ހެޔޮވާވަރު އެއްޗެއް ހެއްޔެވެ؟
ޚިޔާލު (0)
ޚިޔާލެއް ދޫކޮށްލާ