ބަވަނަވަމުންމިދާ ދުނިޔޭގައި ހުރިހާ އެންމެންވެސް މިއަދު މިވަނީ އިންޓަރނެޓްގެ ވަސީލަތްތަކުގެ މައްޗަށް ބަރޯސާވެފައެވެ. މި ފަދަ ވަސީލަތްތައް ބޭނުންކުރުމުގައި މި ޒަމާނުގައި ވަކި އުމުރުފާއެއް ނޯވެއެވެ. އެންމެ ތުއްތު ކުދިން ފެށިގެން މުސްކުޅިންނަށް ބަލައިލިޔަސް ފޯނެއް، ލެޕްޓޮޕެއް ނުވަތަ އައިޕެޑެއް ނޯންނަ ކުއްޖަކު މަދުވާނެއެވެ. ކުދި ބޮޑު އެންމެންގެ ދިރިއުޅުމުގެ އެންމެހާ ކަންކަން މިއަދު މިވަނީ އިންޓަރނެޓާއި ގުޅި ލާމެހިފައެވެ. އިންޓަރނެޓުގެ އެހީ އާއެކު ދިރިއުޅުމަށް އެތައް ފަސޭހަތަކެއް ވީނަމަވެސް އެކަން ގަބޫލުކޮށް އެންމެ މަންފާ ލިބިދެނިވި ގޮތުގައި ބޭނުންކުރަނީ އިނގިލި ތަކުން ގުނާ ލެވޭހާ މަދުބައެކެވެ. މިގޮތުން މި ލިޔުމުގައި ބަލައިލާނީ ފައިދާ ހުރި ހެޔޮ ގޮތުގައި އިންޓަރނެޓް ބޭނުންކުރެވޭނެ ގޮތްތަކަށެވެ.

ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުން އިންޓަރނެޓް ބޭނުންތެރި ގޮތުގައި ހިފައިފިނަމަ އެއަށްވުރެ ފައިދާ ހުރި އެއްޗެއް ނުހުންނާނެއެވެ. އެގޮތުން ގޭގައި  ފިލާވަޅު ހަދަމުންދާ ވަގުތުތަކުގައި ނޭނގޭ ސުވާލެއް ނުވަތަ އޮޅުފިލުވާލަން ބޭނުންވާ ބައެއް އޮތްނަމަވެސް ގޫގުލްގައި ސާރޗް ކޮށްލުމުން ފަޅި ސިކުންތުކޮޅެއްހައި ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޖަވާބުތައް ލިބޭނެއެވެ. މިސާލަކަށް ގޭގައި ފިލާވަޅެއް ހަދަމުން ދާ ވަގުތުގައި މާނަ ނޭނގޭ ބަހެއް ނުވަތަ އޮޅުން ނުފިލާ ކަމެއް އޮތް ނަމަ، ގޫގުލްގައި ސާރޗް ކޮށްލުމުން ހުރިހާ މައުލޫމާތެއް ލިބޭނެއެވެ. ހަމައެހެންމެ ތަފާތު އެތައް މައުލޫމާތުތައް ހިމެނޭ ވެބްސައިޓުތައް ހުރުމުގެ ސަބަބުން ބޭނުންވާ ކޮންމެ ދާއިރާއަކުން މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ތަނަވަސްވެފައިވެއެވެ. މީގެ އިތުރުން ފިލާވަޅުތައް މުޠާލިއާ ކުރާ ވަގުތުތަކުގައި ފިލާވަޅާ ގުޅޭ ތަފާތު ވީޑިޔޯތައް ބެލުމަކީ ހަނދާނުގައި ބެހެއްޓުމަށް ވަރަށް ބޮޑު އެހީތެރިކަމަކަށް ވެގެންދާނެ ކަމެކެވެ. މިކަންކަމުގެ ސަބަބުން ތައުލީމު އުނގެނޭ ދަރިވަރުންގެ ކިޔެވުން ކުރިއަރައި ގޮސް މާއްދާތަކުން މަތީ މާރކްސް ލިބުމަށް މަގުފަހިވެގެންދާނެއެވެ. އެހެންކަމުން އިންޓަރނެޓް އެންމެ އެދެވޭ ގޮތުގައި ބޭނުންކޮށްފިނަމަ ތައުލީމީ ރޮނގުން ކުރިއެރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.

އިންޓަރނެޓް ހެޔޮ ގޮތުގައި ބޭނުންކުރުމަށް ދީނީ  މައުލޫމާތުތައް ފެތުރިދާނެއެވެ. މިފަދަ ކަންކަން ކުރުމަކީ ތިމާގެ ގާތް ތިމާގެ މީހުންނާ އެންމެ ގާތުގައި އުޅޭ ރަހުމަތްތެރިންނަށް ދީނުގެ ކަންކަން ހިއްސާކޮށް، ދީނަށް އަހުލުވެރިކުރުމަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެކެވެ. އެގޮތުން ދީނުގެ ކަންކަމާ ގުޅޭ މުހިންމު މައުލޫމާތުތައް އެކި ޕޭޖުތަކުން ނަގައި އެތަކެތި ފޭސްބުކް ފަދަ ގިނަ މީހުން ބޭނުންކުރާ މަންސަ ތަކުގައި ހިއްސާކުރެވިދާނެއެވެ. ހަމައެހެންމެ އިންސްޓަގްރާމް ނުވަތަ ޓްވިޓަރ  ބޭނުންކުރާ ފަރާތްތަކުން ދީނީ ޢިލްމުވެރިން ފޮލޯކޮށް، އެބޭފުޅުންގެ ދީނީ މަޢުލޫމާތު ހިމެނޭ  ޕޯސްޓުތައް އެހެން މީހުނަށް ފޮނުވާ ހިއްސާ ކުރުމަކީ ފައިދާ ހުރި ކަމެކެވެ. މީގެ އިތުރުން ޔޫޓިއުބްއިން ތަފާތު ދަރުސް ތަކާއި ދީނާއި ގުޅޭ ތަފާތު އެތައް ވީޑިޔޯތަކެއް އަޕްލޯޑު ކުރެވިފައި ވާއިރު، މި ވީޑިޔޯތައް ބެލުމުގެ ފުރުސަތު މިހާރު މިވަނީ ފަހިވެފައެވެ. ބޭކާރު ވީޑިޔޯތައް ބެލުމުގައި ވަގުތު ހޭދަނުކޮށް އޭގެ ބަދަލުގައި  އަޅުކަންކަމާ ގުޅޭ ވީޑިޔޯ އާއި ދީނީ ދަރުސްތައް ބެލުމުގައި އެފަދަ ވިޔުގަތައް ބޭނުންކުރުން ބުއްދިވެރިވާނެއެވެ. މިގޮތުން ދީނީ މައުލޫމާތު ފަތުރައި ދީނީ ގޮތުން ވަރުގަދަ މުޖުތަމައުއެއް ބިނާކުރުމަށް އިންޓަނެޓްގެ ބޭނުންހެޔޮގޮތުގައި ހިފުމަކީ މުހިންމުކަމެކެވެ.

އިންޓަރނެޓްގެ އެހީގައި ކުއްލި ޙަބަރުތައް ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރުމަށް މިހާރު މިނެޓެއްވެސް ނުނަގާނެއެވެ. ހަމަ އެހާވެސް ބާރު ސްޕީޑުގައި ހިކިފައި އޮތް ޖަނގައްޔެއްގައި އަލިފާންގަނޑެއް ފެތުރޭހެން ހަބަރުތައް ފެތުރެއެވެ. އެގޮތުން ދުނިޔޭގައި ހިނގަމުން މިދާ ކަންކަން މިފަދަ ވަސީލަތްތަކުގެ އެހީގައި ފެތުރިގެން ދިޔުމުން ފަސޭހަވެގެންދެއެވެ. މިގޮތުން ގޭގައި ނުރައްކާތެރި ކަމެއް ހިނގިކަމުގައި ވިޔަސް ނުވަތަ އުޅޭ މާހައުލުގައި ނުރައްކާތެރި ކަމެއް ހިނގައިފިނަމަ ރަށުގެ އެކި ކަންކޮޅުތަކުގެ މީހުންނަށް  އެ މައުލޫމާތު ދަތިކަމެއް ނެތި ފޯރުކޮށްދެވޭނެއެވެ. މިސާލަކަށް ސުނާމީ އެއް ނުވަތަ ބިންހެލުމެއް އަންނަ ކަމުގެ އެލާރޓް ލިބުމުން ގިނަ މީހުން އެކަމަށް ހޭލުންތެރިކުރުވުމަށް ވީހާވެސް އަވަހަކަށް އެ ހަބަރު ދެވޭނެއެވެ. މީގެ ސަބަބުން ތަފާތު އެކި ނުރައްކާތެރި ކާރިސާތަކުން ސަލާމަތްވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުވެ ދުރާލާ ތައްޔާރުވެވޭނެއެވެ. އެހެންކަމުން އިންޓަރނެޓްގެ އެހީގައި މިއަދު މިވަނީ ކޮންމެ ފަދަ ކުއްލި ކަމެއް ދިމާވިޔަސް އެންމެންނަށް  އެ ހަބަރުތަށް ފެތުރޭނެ ގޮތްތަކެއް ހޯދައިދީފައެވެ.

އިންޓަރނެޓްގެ ތަފާތު މަންސަތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިފިނަމަ މިއީ ހަމަ ރަނުގެ އަގު ކުރެވިދާނެ ވަސީލަތެކެވެ. ދަރިވަރުން ކިޔެވުން ކުރިއެރުވުމަށް ބޭނުންކުރިކަމުގައި ވީނަމަވެސް އިންޓަރނެޓުގެ ބޭނުންތެރިކަން ފެނިގެންދެއެވެ. ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި ދީނީ މަޢުލޫމާތުތައް ފެތުރުމަށްވެސް އިންޓަނެތަކީ ބޭނުންތެރިއެއްޗެކެވެ. ހަމައެހެންމެ މުހިއްމު ޚަބަރުތައް ވަގުތުން ވަގުތަށް އެކިކަންކޮޅުތަކަށް ފަތުރާލުމަށް އިންޓަނެޓަކީ ނުހަނު ބޭނުންތެރި ވަސީލަތެކެވެ. މިގޮތުން ހެޔޮގޮތުގައި ބޭނުންކޮށްފިނަމަ، އިންޓަނެޓްގެ ފައިދާ އެތައްގޮތަކުން މުޖުތަމަޢުއަށް ކުރާނެކަމީ ޝައްކެއްވެސް އޮތްކަމެއްނޫނެވެ.